Last Updated: July 8, 21:12
Thursday, July 9, 2026
ޚަބަރު

ނޫސްވެރިންނަށް އެއްވެސް ގައުމެއްގައި ނުލިބޭހާ މިނިވަންކަން ދީފައިވޭ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ނޫސްވެރިންނަށް މި ސަރުކާރުން ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭހާ މިނިވަންކަން ދީފައިވާކަން ހާވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ގައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން ހާމަވަމުންދާ ކަމަށާއި އެގޮތުން ހެނދުނުއްސުރެ ގްރީން ޒޯންގައި ނޫސްވެރިން މުޒާހަރާކޮށް، ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔައިރު، ނޫސްވެރިންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އާއި ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އެ ނޫސްވެރިންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވައި ވާހަކަތައް އަޑުއެއްސެވި ކަމަށެވެ.

އަދި ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރިންގެ އަޑު އެއްސެވުމަށް ރައީސް އޮފީހުގައި އެމްޖޭއޭއާ ސީދާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ހުރިހާ ވާހަކައެއް އަޑުއެއްސެވި ކަމަށާއި ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ނޫސްވެރިން ބޭނުން ވަރަކަށް ހިޔާލުތަކާއި އިސްލާހުތައް ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފަަައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުން ވެސް ސަރުކާރުން ހިޔާރުކުރީ ކެތްތެރިކަން،" ސައީދު ވިދާޅުވި އެވެ.

މީގެއިތުރުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިހުތިޖާޖުކޮށް ބޭނުން އަޑެއް އުފުލަން ފުރުސަތު ދެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީޑިއާ ބިލުގައި ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެސް ހިއްސާކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ މިއީ މީޑިއާ ޕްރޯ ސަރުކާރެއް ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.