Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ހުއްދަ ނެތި ހިންގާތީ ކިހާދުއްފަރަށް ފިޔަވަޅު އަޅަނީ

ބ. ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް ރިސޯޓު ގާނޫނާ ހިލާފަށް ހިންގަމުންދާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ބ.ކިހާދުއްފަރު (ކިހާ މޯލްޑިވްސް) އަކީ އެ މިނިސްޓްރީއާ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ކުއްޔަށްދީފައިވާ ރަށެއް ކަމަށެވެ.

މި ރަށުގައި ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓަކީ ޓޫރިޒަމާބެހޭ ޤާނޫނު އަދި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށްނުވާތީ، މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ފުރުޞަތުދީ ވަކި ޝަރުޠުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސުގެ މުއްދަތު 27 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ހަމަވުމާ ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައި ނުވާ ކަމަށް އިއުލާނުގައިވެ އެވެ.

އަދި، އެ މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިޒޯޓު ހިންގުމަށް އިތުރު އޮޕަރޭޓިން ލައިސަންސެއް ދީފައި ނުވާ ކަމަށާއި ރިޒޯޓު އޮޕަރޭޓިން ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށްވާތީއާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން، އެ ކުންފުނިން ތަކުރާރުކޮށް ޚިލާފުވެފައިވާތީ އަދި ޤާނޫނާ ޚިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ޚިދުމަތް ދެމުން ގެންދާތީ، ޓޫރިޒަމާބެހޭ ޤާނޫނާ، އެ ރަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.