ނޫސްވެރިން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރީ ފުރައްސާރަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ކަންބޮޑުވުންތައް ނޫސްވެރިން މިއަދު ވަނީ ރައީސް މުއިއްޒު މުލިއާގެއަށް ވަޑައިގަންނަވަނިކޮށް އެމަނިކުފާނުގެ ފަހަތްޕުޅުން ގޮސް ހިއްސާކޮށްފަ އެވެ.
އެކަމާ ގުޅޭ ވީޑިއޯއެއް އާންމުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ހަލީލު ވަނީ ޙައްގުތައް ހޯދުމަށް ނުކުތް ބައެއް ނޫސްވެރިން ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް މިގޮތަށް ފުރައްސާރަކުރުން ހަމަ އެންމެ ރަނގަޅުތޯ އާއި މިއީ ޙައްޤުތަކަށް ވަކާލާތުކުރާ ބައެއްގެ އުޅުން ހުންނަންވީ ގޮތްތޯ ސުވާލު އުފައްދަވާފަ އެވެ.
"ދައުލަތުގެ މުޅި ނިޒާމް ރެގިއުލޭޓް ކުރަންޖެހޭ ކަމަށް ވަކާލާތު ކުރާއިރު، ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ބައެއް ފަރާތްތަކުން އެކިއެކި މީސް މީހުންނާ އާއިލާތަކުގެ އަބުރު ކަތިލާ، ނަފްސާނީ އަނިޔާ ކުދި ދަރިންނަށް ދޭއިރު އެއީ ޙައްދެއް ޙުދޫދެއް ނެތް ކަމެއްގެ ގޮތުގައި ހަމަ ބާއްވާނީތޯ؟،" ހަލީލު ވިދާޅުވި އެވެ.
ހަލީލު ވަނީ ނޫސްވެރިންނަށް ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެތޯއާ ވެސް ސުވާލު އުފައްދަވާފަ އެވެ.
މީޑިއާ ބިލުގައި ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެސް ހިއްސާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ މިއީ މީޑިއާ ޕްރޯ ސަރުކާރެއް ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.