މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި އާޖެންޓީނާ ފޯވާޑް، އަލެހަންދްރޯ ގަނާޗޯ ޗެލްސީ އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގަނާޗޯ ،21، ޗެލްސީ އަށް ބަދަލުވާން ނިންމާފައިވަނީ 40 މިލިއަން ޕައުންޑުގެ އަގަކަށް 7 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ޓްރާންްސްފާއާ ގުޅޭގޮތުން ޔުނައިޓެޑާއި ޗެލްސީން މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ ސީޒަނަށް ފަހު ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ވަނީ އާ ކްލަބެއް ހޯދަން ގަނާޗޯ އަށް އަންގައިފަ އެވެ. އެގޮތުން ޔުނައިޓެޑުން ސީޒަން ފެށުމުގެ ކުރިން ކުރިއަށްގެންދިޔަ ޕްރީ ސީޒަނުގައި ވެސް ގަނާޗޯ ބައިވެރިކޮށްފައި ނުވާއިރު، މި ސީޒަނުގައި ޔުނައިޓެޑުން ކުޅުނު ތިން މެޗަށް ނެގި ސްކޮޑުން ވެސް އޭނާ އަށް ޖާގަދީފައެއް ނުވެ އެވެ.
ގަނާޗޯ ޔުނައިޓެޑާ ގުޅުނީ އުމުރުން 16 އަހަރުގައި އެތުލެޓިކޯ މެޑްރިޑުން ކަމަށްވާއިރު، އޭނާ ވަނީ އެ ކްލަބަށް 144 މެޗު ކުޅެދީ 26 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ޗެލްސީން ގަނާޗޯ ގެންނަން ނިންމާފައިވާއިރު އެ ކްލަބަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް، ކްރިސްޓޮފާ އެންކުންކޫ ވަނީ އޭސީ މިލާނަށް ބަދަލުވާން ނިންމައިފަ އެވެ.