Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އިންޝުއަރެންސްއާ ބެހޭ ބިލު ތަސްދީގުކޮށްފި

އިންޝުއަރެންސްއާ ބެހޭ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ، މި މަހުގެ 18 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ސަރުކާރުން މި ބިލް ހުށަހެޅީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާގުޅޭ އުސޫލުތަކާއި އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރު މާގުޅޭ އުސޫލުތަކާއި އެ ނޫންވެސް އިންޝުއަރެންސް ވިޔަފާރިއާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގާއިމު ކުރުމަށެވެ.

އިންޝުއަރެންސް ވިޔަފާރިކުރުމާ ގުޅޭ އާންމު ހަމަތަކާއި، އިންޝުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސާގުޅޭ ކަންކަން މި ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި އިންޝުއަރެންސް ކުންފުނީގެ މެނޭޖްމަންޓް އޮންނަންވީ ގޮތާއި، ހަރުދަނާ އަދި ރައްކާތެރި ގޮތުގައި އިންޝުއަރަންސް ވިޔަފާރި ހިންގުމާގުޅޭ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެ އެވެ.

ބިލުގައި ހިމެނޭ އިތުރު ކަންކަމުގެ ތެރޭގައި އިންޝުއަރެންސް ހިދުމަތް ދިނުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމާއި އިންޝުއަރެންސް އިންޓަމީޑިއަރީންއާ ގުޅުންހުރި އުސޫލުތައް ހިމެނެ އެވެ. ހަމަމިއާއެކު ރެކޯޑް ބެލެހެއްޓުމާއި ރިޕޯޓު ހުށަހެޅުން، އަދި އޮޑިޓްކުރުމާއި، އިންސްޕެކްޝަން ހިންގުމާއި، މާލީ ހާލަތު ބެލުމާ ގުޅުންހުރި ހަމަތަކާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، މާކެޓް ކޮންޑަކްޓް އަދި ޑިސްޕިއުޓް ރިޒޮލިއުޝަން ހަމަތަކާއި، ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓާ އައްޔަންކުރުން، އަދި ފިޔަވަޅު އަޅަންޖެހިއްޖެ ހިނދެއްގައި އަމަލުކުރާނެ ގޮތުގެ ހަމަތަކާއި އުސޫލުތައްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީގުކުރައްވާ ދިވެހިސަރުކާރުގެ ގެޒެޓުގައި ރޭ ޝާއިއު ކުރުމާއެކު މި ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.