ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ އާ ފިލްމެއް މިއަދު ސިނަމާތަކަށް ދޫކޮށްލި އިރު، އޭނަގެ އެހެން ފިލްމެއްގެ ޓީޒާ ޓްރެއިލާ ވެސް މިއަދު ބެލުންތެރިންނަށް ދައްކާލައިފި އެވެ.
މިއަދު ސިނަމާތަކަށް ގެނައި ޖާންވީގެ އާ ފިލްމަކީ ސިދާތު މަލްއުތުރާއާ އެކު ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ "ޕަރަމް ސުންދަރީ" އެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް، ތުޝާރު ޖަލޯޓާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަކީ އިންޑިއާގެ ދެކުނަށް ނިސްބަވްތާ އަންހެނަކާއި އުތުރަށް ނިސްބަތްވާ ފިރިހެނެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާ "ޕަރަމް ސުންދަރީ" އަކީ ޖާންވީ އާއި ސިދާތުގެ ޖޯޑު އެކީގައި ބޮޑު ސްކްރީނަށް ގެނައި ފުރަތަމަ ފިލްމެވެ. ފިލްމުގެ ޓްރެއިލާ އާއި ލަވަތަކުން ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެ އެވެ.
މިއަދު ޓީޒާ ދައްކައިލި ޖާންވީގެ ފިލްމަކީ 2018 ގެ "ދަޅަކް" އިން އޭނަ ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ޝިޝާންކް ކައިތާން ޑައިރެކްޓްކޮށްފައިވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ. މި ރޮމޭންޓިކް ކޮމެޑީ އަކީ "ދަޅަކް" ވެސް ޕްރޮޑިއުސްކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެކެވެ.
އޮކްޓޯބަރު މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ބަތަލަކީ ވަރޫން ދަވަނެވެ. މިއީ އޭނަ އާއި ޖާންވީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު ޑައިރެކްޓަރު ނިތޭޝް ތިވާރީގެ 2023 ގެ "ބަވާލް" އެވެ.
"ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ކާސްޓްގައި ސާނިއާ މަލްއުތުރާ އާއި ރޯހިތު ސަރަފްގެ އިތުރުން މަނީޝް ޕޯލް ވެސް ހިމެނެ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު، ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ކުޅޭ ސްޕޯޓްސް އެކްޝަން ޑްރާމާ "ޕެއްޑީ" ހިމެނެ އެވެ.