Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ހުދުމުހުތާރު ކަމަށް މިސްރާބު ޖަހާ އިރު ކުޅިބަލަން ތިބޭކަށް ނުޖެހޭ

ރާއްޖޭގެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ހުދުމުހުތާރުކަމާ ދިމާއަށް ޖަހާފައިވާތީ ކުޅިބަލަން ރައްޔިތުން ތިބެން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މީޑިއާތައް ކޮންޓްރޯލް ކުރަން ހުށަހަޅާފައިވާ ބިލާ ގުޅިގެން ސަރުކާރަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒިވެފައި ވަނިކޮށް، އަދި އެ ބިލާ ގުޅިގެން ސަރުކާރަށް ކުރިން ވެސް ފާޑު ވިދާޅުވެފައިވާ މެންބަރު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ އެންމެހާ ހައްޤުތަށް ހަނިކޮށް ޤާނޫނުއަސާސީ ކޮށައި މަށައި ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖެހީމައި ރައްޔިތުން ކުޅިބަލަން ތިބޭކަށް ނުޖެހޭނެ ކަމަށެވެ.

"ރާއްޖޭގައި އޮތީ ރަސްކަމެއް ނޫން. ހުރީ ރަސްކަލެއް ނޫން. ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ދަށުން ހެދިފައިވާ ޤާނޫނުއަސާސީއެއް،" އައްބާސް ވިދާޅުވި އެވެ. "އެއީ ރައްޔިތުން ނިންމާ ޤަބޫލު ކުރިނިޒާމް. އެހެންކަމުން ރައްޔިތުން ނިންމި ނިންމު ތަކުގެ ރިވެތި ސިފަތަށް ގެއްލުވާލައި ރައީސުލްޖުމްހުރިއްޔާއަކީ ރައްޔިތުން ހޮވާ، މުސާރަ ދީ، ދިރިއުޅޭނެ ތަނެއް ދީ، ކެއުމާއި ބޭސް ފަރުވާ ހަމަޖައްސަދީފައި ހުރި ރައްޔިތުންގެ ހާދިމެއް."

އޭނަ ވިދާޅުވީ ރައީސަކު ރައްޔިތުންގެ ހައްގަކަށް އަރައިގަންނަ ނަމަ އެ ރައްޔިތުން އެ ރައީސަކު ޖަވާބު ދާރީ ކުރުވާނެ ކަމަށެވެ. އަދި ވެރިޔަކު ރައްޔިތުންނަށް ނުކުރާ އިހުތިރާމެއް އެ ވެރިޔަކަށް ރައްޔިތުންގެ ފަރާތުން ވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.