ޤައުމީ ޕޭމަންޓް ސިސްޓަމް ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހް ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގް ކުރައްވައިފި އެވެ.
މި ބިލަކީ، މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިދޭންޖެހޭ ޤާނޫނީ ބާރުވެރިކަން ހޯދައިދިނުމެވެ. އެގޮތުން ވަކި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓްވެންޗާއެއް އުފެއްދުމަށް ނުވަތަ އޭގެ ބައިވެރިއަކަށް ވުމުގެ ޤާނޫނީ ބާރުވެރިކަން އެމްއެމްއޭ އަށް ލިބިދީފައިވެ އެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ސިސްޓަމެއް ހިންގޭނީ އެމްއެމްއޭގެ ލައިސަންސް ނުވަތަ ހުއްދަ ލިބިގެންކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ލައިސަންސް ނުވަތަ ހުއްދަ ނެތި، އެފަދަ ޚިދުމަތެއް ދޭކަމަށް ނުވަތަ ހަރަކާތެއް ހިންގާކަމަށް ދައްކައިގެންނުވާނެ ކަމަށް ބަޔާންކޮށް، ޕޭމަންޓް ޚިދުމަތް ސޮލިސިޓްކުރުން ވަނީ މަނާކޮށްފަ އެވެ. އެގޮތުން، ޕޭމަންޓް ޚިދުމަތް ސޮލިސިޓްކުރާ ފަރާތްތަކަށް 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ވަނީ ލިބިދީފަ އެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މިހާރުވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށައިފަ އެވެ.