Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އެޕްސްޓީންއާ ބައްދަލެއް ނުކުރަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދެ ހާހުގެ ކުރީ ކޮޅުން ފެށިގެން އެމެރިކާގެ ނިއުޔޯކާއި ފްލޮރިޑާގައި ގިނަ އަދަދެއްގެ ކުޑަ އަންހެން ކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީންއާ ބައްދަލުނުކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސަކާއެކު 2014 ވަނަ އަހަރު އެޕްސްޓީން ބައްދަލުވުމެއް ތާވަލުކުރިކަން ހާމަވުމުންނެވެ. މިކަން ހާމަވީ ސޯޝަލް މީޑިއާގައި މިހާރު ލީކުކޮށްލާފައިވާ އިޒްރޭލު ކުރީގެ ބޮޑުވަޒީރު އެހުދް ބަރަކް އާއި އެޕްސްޓީންއާ ދެމެދު ބަދަލުކޮށްފައިވާ އީމެއިލްތަކަކުންނެވެ.

އެގޮތުން 2014 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެޕްސްޓީން އެހުދް ބަރަކަށް ފޮނުވި މެއިލެއްގައި ވަނީ، ޓެކް ބިލިއަނަރު ޕީޓާ ތީލް އާއި "ރާއްޖޭގެ ކުރީގެ ރައީސް" އާ އެމެރިކާގެ ނިއުޔޯކްގައި ބައްދަލުކުރުމުގެ ފުރުސަތު ހުށަހަޅާފަ އެވެ. ނަމަވެސް އެއީ ރާއްޖޭގެ ކޮން ރައީސެއްކަން އެ އީމެއިލްތަކުގައި ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެޕްސްޓީންއާ ބައްދަލުނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ތާރީހު ތަކަށް ބަލާލުމުން އެމަނިކުފާނު އެމެރިކާގައި ނެތްކަން ސާފުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ލީކުވި މެއިލްތަކުގައިވާ ތާރީހުގައި ރާއްޖޭގެ ކުރީގެ ރައީސުންގެ ގޮތުގައި ނަޝީދުގެ އިތުރުން ދެން ތިއްބަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.

މުއްސަނދިންނާއި ނުފޫޒުގަދަ ސިޔާސީ މީހުންނާއި ގުޅުން ބަދަހިކުރި އެޕްސްޓީން 2019 ވަނަ އަހަރު ހައްޔަރުކުރީ ޖިންސީ ވަގުފާރީގެ ފެޑެރަލް ތުހުމަތުގަ އެވެ. އޭނާ ހައްޔަރުކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ނިއު ޔޯކް ސިޓީގެ ފެޑެރަލް ޖަލެއްގައި ހުންނަ އޭނާގެ ގޮޅީގެ ތެރޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.