Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ރައީސް އަންނަ މަހު ޗައިނާއަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ޗައިނާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެގައުމުގެ 80 ވަނަ ވިކްޓްރީ ޑޭ ފާހަގަކުރުމަށް އަންނަ މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި 26 ގައުމެއްގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އޭގެތެރޭގައި ރައީސް މުއިއްޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ރަސްމިއްޔާތަށް ވަޑައިގަންނަވާ އެހެން ލީޑަރުންގެ ތެރޭގައި ރަޝިއާގެ ރައީސް ވްލެޑިމިއަ ޕޫޓިން އާއި ނޯތު ކޮރެޔާގެ ލީޑަރު ކިމް ޖޮން އުންގެ އިތުރުން އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހިމެނިވަޑައިގަންނަވަ އެވެ.

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ހާއްސަ މިލިޓަރީ ޕެރޭޑެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕެރޭޑުގައި ޗައިނާގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ދައްކާލާނެ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.