ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިތީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގޮވާލާފައިވާތީ އެ މައްސަލަ ތަހުގީގުކުރަން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މީޑިއާ ބިލަށް ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށާއި އެފަދަ މީޑިއާތައް އުލުބައިންދަންޖެހޭ ކަމަށެވެ.
"މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.
ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފަލާހުއަށް އަމާޒުވެފައިވާއިރު، މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑުގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލާފައިވާތީ، ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް އެމްޖޭއޭއިން ވަނީ ގޮވާލާﷲަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކާ މެދު އޭނާ މައާފަށް އެދުމަށް ވެސް ވަނީ ގޮވާލާފަ އެވެ.