ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ބާލަން ރައްޔިތުން މަގުތަކަށް ނިކުތުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ގޮވާލައިފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ކަންމަތީ އެއްވުމުގައި ވާހަކަދައްކަމުން މައުރޫފް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަށްފަހު ދެން ދުވާނީ އާންމު ރައްޔިތުން ފަހާ ކަމަށާއި މިކަމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށެވެ. ރައީސް މުއިއްޒަކީ އަނިޔާވެރި، ޖައްބާރު އަދި މުނާފިގު ވެރިއެއް ކަމަށާއި، ރައީސް މުއިއްޒު ވެރިކަމުން ބާލަންޖެހޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"މީނާ (ރައީސް މުއިއްޒު) ބާލަންޖެހޭ. މީނާ ބޭލުމަށްޓަކާ ދިވެހި ރައްޔިތުން އެމްޑީޕީއާ އެކީގައި ގަދަކޮށް ނިކުމެ މި މަސައްކަތް ކުރަންޖެހޭ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި މިފަހަރު ފަހަތަށް ނުޖެހޭނެ ކަމަށެވެ. އެގޮތުން ބޮޑެތި މުޒާހަރާތައް ވެސް ރާވާނެ ކަމަށާއި މިފަދަ އެއްވުންތަކުގައި ބައިވެރިވުމަށް ރަށްރަށުން ވެސް މީހުން މާލެ އައުމަށް މައުރޫފް ވަނީ ގޮވާލާފަ އެވެ.
ރައީސް މުއިއްޒަށް ރައްޔިތުންނަށް ވުރެ ބާރުގަދަ ނުވެވޭނެ ކަމަށާއި ރައްޔިތުން ނިކުތުމުން ރައީސް މުއިއްޒު ވެސް ޖެހޭނީ ފަހަތަށް ޖެހެން ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ. ރައްޔިތުންގެ ބާރު ކަނޑުވާ ނުލެވޭނެ ކަމަށާއި އަދި ގާނޫނު އަސާސީގެ ބާރު ކަނޑުވާލެވޭނެ ކަމަށް ހިތަށް އެރުވިޔަސް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މައުރޫފް ވަނީ ރައްޔިތުން ނިކުމެ މިއަށް ވުރެ މާ އަނިޔާވެރި ދުވަސްތަކުގައި ވެސް ގައުމު ސަލާމަތްކުރި ކަމަށާއި އެކަމުގައި ވެސް އިސްނެގީ އެމްޑީޕީން ކަމަށްވާއިރު އެމްޑީޕީ އަށް ދެންވެސް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.