Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ފަލާހު ހުއްޓުވޭނެ ކަމަށް ދެކުމަކީ ކުށްހީއެއް: ޝުޖާއު

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުއްޓުވޭނެ ކަމަށް ދެކުމަކީ ކުށްހީއެއް ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވިދާޅުވުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅާފަ އެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފަ އެވެ.

ފަލާހުގެ ދިފާއުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ފަލާހު ދެއްކި ވާހަކަ އަޑުއެހި ކޮންމެ މީހަކަށްވެސް އެ ވާހަކައަކީ ފަލާހުގެ ޢިއްޒަތާއި އަބުރަށް ގެއްލުންވާ ގޮތަށް ނުވަތަ ސުވާލު އުފެދޭ ގޮތަށް ރާއްޖޭގެ ރަޖިސްޓާޑް ނޫހެއްގައި ލިޔެ، މުޅި ސޯޝަލް މީޑިއާގައި އޭނާގެ އަބުރު ކަތިލުމަށް ކުރި މަސައްކަތާއި ގުޅިގެން ވިދާޅުވި ވާހަކައެއްކަން އެނގޭނެ ކަމަށެވެ.

އަދި އެވާހަކައިން އެދުވަސްވަރު ފަލާހުގެ އާއިލާއަށް ލިބުނު ގެއްލުމުގެ ވާހަކަތައް ވެސް ވިދާޅުވި ކަމަށާއި އެއީ އެއްގޮތަކަށް ވެސް ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ވިދާޅުވި ވާހަކައެއް ކަމަށް ތަރުޖަމާ ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕީޖީ ލީޑަރު ހުއްޓުވޭނެ ކަމަަށް ދެކޭ ބަޔަކު ދެކުމަކީ ކުށްހީއެއް. ލީޑަރަކީ 5 ވަގުތު ނާޅާ ނަމާދު ކުރައްވާ ބޭފުޅެއް. ނަމާދު ކުރައްވާ ބޭފުޅުން އިންޝާالله ބައްޔެއް ނުކުރެވޭނެ،" ޝުޖާއު ވިދާޅުވި އެވެ.