Last Updated: July 8, 21:12
Wednesday, July 8, 2026
ދުނިޔެ

އައްބާސް އަށް ވިސާ ނުދޭން އެމެރިކާއިން ނިންމައިފި

އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަށް ވިސާ ނުދޭން އެމެރިކާއިން ނިންމައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ވަނީ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވަން ފަލަސްތީން ސަރުކާރުގެ އޮފިޝަލުންނަށް ވިސާ ނުދޭން ނިންމާފައިވާކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. މިގޮތަށް ނިންމީ ފަލަސްތީނުން ހަރުކަށި ފިކުރު ހުއްޓުވުމުގެ ބަދަލުގައި އަމިއްލަ ދައުލަތެއް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.

ސްޓޭޓް ޑިޕާޓްމެންޓުގެ އޮފިޝަލަކު "ރޮއިޓާސް" އަށް މައުލޫމާތު ދެއްވަމުން ވަނީ މި ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީނުގެ 80 އޮފިޝަލުންގެ އިތުރުން ފަލަސްތީނުގެ ރައީސް އައްބާސްގެ މައްޗަށް ވެސް މި ނިންމުމުގެ އަސަރުކުރާނެ ކަމަށެވެ.

އެމެރިކާ އަށް ވަޑައިގެން އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގެ އިތުރުން ފްރާންސް އާއި ސައުދީ އަރަބިއްޔާ ގުޅިގެން އެމެރިކާގައި ބާއްވާ ސަމިޓެއްގައި ވެސް ބައިވެރިވެވަޑައިގަތުމަށް އައްބާސް އޮތީ ނިންމަވާފަ އެވެ.

އައްބާސްގެ އޮފީހުން ވަނީ އެމެރިކާގެ މި ނިންމުމަކީ އދ.ގެ ހެޑްކުއާޓާސް އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ނިންމުމެއް ކަމަށް ބުނެފަ އެވެ.

އެމެރިކާއިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި އެމެރިކާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގިނަ ގައުމުތަކަކުން އަންނަނީ ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ނިންމާފައިވާކަން އިއުލާންކުރަން ތައްޔާރުވަމުންނެވެ.