Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

ކަންގަނާގެ ކުރީގެ ފިލްމުތަކެއްގެ އާ ބައިތަކެއް ފަށަނީ

އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތުގެ ކުރީގެ ވަރަށް ކާމިޔާބު ފިލްމުތަކެއްގެ އާ ބައިތަކެއްގެ މަސައްކަތް އޭނަ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތަައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ ދެ ފިލްމަކީ 2013 ގެ "ކްއީން" ގެ ދެވަނަ ބަޔާއި "ތަނޫ ވެޑްސް މަނޫ" ފްރެންޗައިޒްގެ ތިން ވަނަ ބައި ކަމަށެވެ.

ޕިންކްވިލާ އިން ބުނީ ކަންގަނާ އަށް 2014 ގައި އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު "ކްއީން" ގެ ސީކްއެލްގެ ޝޫޓިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަށަން ޑައިރެކްޓަރު ވިކާސް ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި "ކްއީން 2" ގެ މަންޒަރުތައް އިންޑިއާގެ އިތުރުން ގައުމުން ބޭރުގައި ވެސް ނަގާނެ އެވެ. އެގޮތުން މިހާރު ޑައިރެކްޓަރު ލަންޑަންގައި ލޮކޭޝަން ހަންޓް ކުރަމުން އަންނަ ކަމަށް ވެސް ޕިންކްވިލާ އިން ބުންޏެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު "ކްއީން" އަކީ ކައިވެނި ހަފުލާ ބާއްވަން އެންމެ ފަހުގެ ތައްޔާރުވެފަައި ވަނިކޮށް އިންނަން އުޅުނު މީހާ، ކައިވެނި ކުރަން އިންކާރު ކުރުމުން ކަންގަނާ އެކަނިމާއެކަނި ގައުމުން ބޭރަަށް 'ހަނީމޫނަށް" ދިއުމުން ދިމާވާ ކަންތައްތަކެއް ދައްކުވައި ދިން ފިލްމެކެވެ.

"ކްއީން" ގެ ދެވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރުވެފައި މި ވަނީ ކަންގަނާއާ ނުލައި ނޫނީ ދެވަނަ ބައި ނަހަދާނެ ކަމަށް ޑައިރެކްޓަރު ވިކާސް ބުނެފައި ވަނިކޮށެވެ.

އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޝޫޓިން ނިންމާފައިވާ "ދިލް ކާ ދަރުވާޒާ ކޯލް ނާ، ޑާލިން" އެވެ. މީގެ މައިގަނޑު ކާސްޓުންނަކީ ސިދާންތު ޗަތުރަވެދީ އާއި ވަމީގާ ގައްބީގެ އިތުރުން ޖަޔާ ބައްޗަނެވެ.

ކަންގަނާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ދެވަނަ ފަހަރަށް ލިބުނު 2015 "ތަނޫ ވެޑްސް މަނޫ ރިޓާންސް" އަކީ އޭނަ ޑަބަލް ރޯލެއް ވެސް ކުޅުނު ފިލްމެކެވެ. އާނަންދު އެލް ރާއީ ޑައިރެކްޓްކުރި މީގެ ފުރަތަމަ ބައި ގެނެސްދިނީ 2011 ގަ އެވެ.

ޕިންކްވިލާ އިން ބުނީ ދާދި ފަހުން އާނަންދު ޝޫޓިން ނިންމައިލި އާ ފިލްމު "ތެރެ އިޝްގް މޭ" މަސައްކަތްތަކުން އަތް ދޫކޮށްލުމަށް ފަހު، "ތަނޫ ވެޑްސް މަނޫ 3" ގެ ޝޫޓިން ކަންގަނާއާ އެކު ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

ކްރިތީ ސެނަން އާއި ދަނޫޝް ހިމަނައިގެން ހަދާފައިވާ "ތެރެ އިޝްގް މޭ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިހާތަނަށް ޖުމްލަ ހަތަރު ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކަންގަނާގެ ކުރީގެ ދެ ފިލްމެއްގެ އާ ބައިތަކެއްގެ މަސައްކަތް ފަށަން ތައްޔާރުވާ އިރު، މި ފަހުން ރިލީޒްވި އޭނަގެ ހުރިހާ ފިލްމުތަކަކަށް ވެސް ލިބިފައި ވަނީ ވަރަށް ފިނި ތަރުހީބެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅެ ޖެނުއަރީ ރިލީޒްކުރި ތާރީހީ ބައޮގްރަފިކަލް ޑްރާމާ "އިމަޖެންސީ" އެވެ.

ކަންގަނާ އޮތީ "ތަނޫ ވެޑްސް މަނޫ" ގެ ބަތަލު އާރް މާދްވަންއާ އެކު ކުޅުނު ސައިކޮލޮޖިކަލް ތުރިލާއެއްގެ މަސައްކަތް ވަރަށް ފަހުން ނިންމައިފަ އެވެ. އެކަމަކު އޭގެ ނަމާއި ރިލީޒްކުރާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

ކަންގަނާ އަކީ މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެންބަރެކެވެ. އެއީ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ މެންބަރެއްގެ ގޮތުގަ އެވެ.