Last Updated: June 6, 09:42
Saturday, June 6, 2026
ރިޕޯޓް

ހިދުމަތްތެރިން: ޒާހިރާގެ ހިތުގައި އިޖުތިމާއީ ވިންދު!

އައްޑޫ ފޭދު އަށް އުފަން ހައްވާ ޒާހިރާ "ޒެޑް" އަކީ ޢުމުރުން އެންމެ 14 އަހަރުން ފެށިގެން ރަށުގެ އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ ޙަރަކާތްތެރިވަމުން އަންނަ ހީވާގީ ކަނބަލެކެވެ.

މެދުކެނޑުމެއް ނެތި މިއަދާ ހަމައަށް ވެސް ހިންގުންތެރިކަމާ އެކު މަސައްކަތް ކުރައްވަމުން ގެންދާ ޒާހިރާ އަކީ އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސާ އެވެ.

އަންހެނުން ބާރުވެރިކުރުމާއި އަންހެން ކުދިން ކުރިއެރުވުމަށް އިސްކަން ދެމުން އަންނަ އިރު އަންހެނުންގެ ކޮމިޓީގެ ފޭދޫގެ މެމްބަރުގެ ގޮތުގައި ޒާހިރާ މަސައްކަތް ކުރާތާ މި ހިނގާ ދައުރާއެކު މިއީ ތިން ވަނަ ދައުރެވެ.

އޭގެ ކުރިން ވެސް ރަށުގައި އުފެދިފައި އޮތް އަންހެނުންގެ ކޮމިޓީގައި ވެސް ޒާހިރާ މަސައްކަތްކޮށްފައިވެ އެވެ.
ހުނަރުވެރި މަސައްކަތް ދަސްކުރުމަމަށްޓަކައި ޝައުޤުވެރިކަމާ އެކު މަސައްކަތްކޮށް، ކޭކް ޑެކޮރޭޓިން ކޯސްތަކާއި ފެހުމާއި މާޖެހުން ފަދަ އަތްތެރި މަސައްކަތް ދަސްކޮށް އެފަދަ މަސައްކަތްތައް މީހުންނަށް ދަސްކޮށް ދިނުމަށް ވެސް ޒާހިރާ ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.

އެގޮތުން މާފަތި، މާބޮނޑި (ބޮކޭ) ފަދަ ތަކެތި އޯޑަރަށް ހަފދައި ޖަލްސާތަކާއި ޙަފުލާތަކަށް ބޭނުންވާ ދިވެހި އުފެންދުންތަކާއި ޤައުމީ އަދި ޘަޤާފީ ޙަފްލާތަކަށް ބޭނުންވާ ހެދުމާއި ގަހަނާފަދަ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ޒާހިރާ ދެކެމުން އައި ހުވަފެނެކެވެ.
އެ ހުވަފެން ހަޤީގަތަކަށް ވެގެން ދިޔައީ ފޭދޫގައި އޭނަ ފެށި "ޒެޑް ކަލެކްޝަން" ފިހާރައިންނެވެ.

ޒާހިރާ ފާހަގަ ކުރެވެނީ ރަޙުމަތްތެރިންނާ ގާތް ގުޅުމެއް ބާއްވާ، އެކި އެކި މުނާސަބަތާ ގުޅިގެން ޖަމާޢަތަށް ފައިދާ ހުންނަ ޕްރޮގްރާމު ތަކާއި ޙަރަކާތްތައް ހިންގައި ފޭދު އަށް ރީތި ނަން ހޯދައި ދޭ ކަނބަލުންނާއި ޒުވާނުން އަދި ކުދިންގެ ޝަރަފުގައި އިސްނަގައި ކަންކަން ރާވައި އެކަން ފާހަގަކުރާ ކަނބަލެއްގެ ގޮތުގަ އެވެ.

ޒާހިރާއަކީ ކުޅިވަރުގެ މައިދާނުގައި ވެސް ޙަރަކާތްތެރިވާ ފޭދޫގެ ކަނބަލުން ކުޅިވަރުގެ ދާއިރާއިން ބާރުވެރި ކުރުމަށް ވެސް މަސައްކަތް ކުރަމުން ނަމޫނާ ހީވާގި މުރާލި ކަނބަލެކެވެ.

ޒާހިރާގެ އިޖުތިމާޢީ ޚިދުމަތަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެމެވެ.

މައުލޫމާތު: 'ހިދުމަތްތެރިން' ފޭސްބުކް ޕޭޖް