Last Updated: June 9, 06:10
Tuesday, June 9, 2026
ދުނިޔެ

ޖަރުމަނުގައި ވަޒީފާ ނެތް އަދަދު 3 މިލިއަނަށް

ޖަރުމަންގައި ވަޒީފާ ނެތް މީހުންގެ އަދަދު ތިން މިލިއަނަށް އަރައިފި އެވެ.

އެ ގައުމުގެ ރަސްމީ އިދާރާތަކުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ މިހާތަނަށް ވަޒީފާ ނެތް މީހުންގެ ޖުމްލަ އަދަދު 3.02 މިލިއަނަށް އަރަ އެވެ. މީގެ ތެރެއިން 46،000 އަށް ވުރެ ގިނަ މީހުންނަކީ ވަޒީފާ ނެތް މީހުންގެ އަދަދަށް ހަމައެކަނި މިދިޔަ މަހުގެ ތެރޭގައި އިތުރުވި މީހުންނެވެ.

ޔޫރަޕްގެ އެންމެ ފާހަގަކޮށްލެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަންގައި ވަޒީފާ ނެތް މީހުންގެ އަދަދު ގައުމީ މިންގަނޑުން ކިރާ އިރު، ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވެފައި އިތު، މީގެ މީގެ 10 އަހަރު ކުރިން ވެސް މިފަދަ ހާލަތެއް އެ ގައުމަށް ކުރިމަތިވެފައިވެ އެވެ.

އަހަރުގެ މިހާތަނަށް ބަލާ އިރު، ޖަރުމަންގެ ވަޒީފާގެ ބާޒާރުގައި އޮތީ 631،000 ވަޒީފާގެ ފުރުސަތެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، 68،000 ވަޒީފާގެ ދަށްވުމެކެވެ.

ވަޒީފާ ނެތް މީހުން އިންތިހާ އަށް އިތުރުވަމުންދާތީ މިކަމަށް އަވަސް ހައްލެއް ހޯދަން ސަރުކާރުން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެގޮތުން އިންވެސްޓްމަންތައް އިތުރު ކުރެވޭނެ ގޮތްތައް ހޯދައި، ވަޒީފާ ނެތް މީހުންގެ އަދަދު މަދު ކުރުމަކީ ގައުމުގެ އިގުތިސާދު ވެސް ހަމަައަކަށް އަޅުވަން މި ވަގުތު ޖަރުމަނަށް ކުރަން ޖެހިފައި އޮތް ވަރަށް މުހިއްމު ކަމެކެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރުން ޓެރިކްފަތަކަށް ގެނައި ބޮޑެތި ބަދަލުތަކާ ގުޅިގެން ވެސް ޖަރުމަންގެ އިގުތިސާދަށް ވަރަށް ނުރަނގަޅު އަސަރުތަކެއްކޮށްފައިވެ އެވެ.

ޖަރުމަންގެ ލޭބާ މިނިސްޓަރު ބައެބަލް ބެސް ވިދާޅުވީ ދުނިޔޭގެ އިގުތިސާދީ ހާލަތާއި ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އަސަރުން ޖަރުމަންގެ އިގުތިސާދަށް ލޮޅުންޔަކެއް އަރާފައިވާ ކަމަށެވެ.

"އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުން. އެގޮތުން އިންވެސްޓްމަންޓްތަކަށް ފުރުސަަތު އިތުރުކޮށް އިންސްފްރާންސްޓްރަކްޗާ އަށް ހާއްސަކޮށްގެން ފަސްސަތޭކަ ބިލިއަން ޔޫރޯގެ ފަންޑް ފަހިކޮށް ދިނުން ފަދަ ކަންކަން ހިމެނޭ." އޭނަ ވިދާޅުވި އެވެ.

ޖަރުމަންގެ އާބާދީ 83 މިލިއަނަށް ވުރެ ގިނަ އެވެ.