އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު ދޭން ސަރުކާރުން ނިންމައިފި އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ހިތާބުގައި ވިދާޅުވީ އިންޖިނޭރުން ގައުމަށްކޮށް ދޭ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ގައުމީ އެވޯޑު ސަރުކާރުން ދޭން ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިންޖިނޭރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދީ، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުން ދޭ ސަމާލުކަން ވެސް އިތުރުކުރާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ 2040 ވަނަ އަހަރަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި ޑިޖިޓަލް ރާއްޖެއްގެ އަމާޒަށް ވާސިލުވުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ އިލްމާއި، ތަޖްރިބާ އާއި، އެހީތެރިކަމަށް ގައުމު އޮތީ ބޭނުންވެފައި ކަމަށެވެ.
"ދިވެހިރާއްޖެއަށް ލިބިފައިވާ ހާއްސަ ސިފަތަކާއެކު، ރަށްވެހިކަމާއި ތަމައްދުންގެ ޒަމާނީ ކުރިބޯށިތަކާ ހަމަޔަށް ދެވޭނީ، ދިވެހި އިންޖިނޭރުންގެ ވިސްނުމާއި ރޭވުންތެރިކަމުން މަގުދައްކައި ދީގެން." ރައީސް ވިދާޅުވި އެވެ.
މި އަހަރުން ފެށިގެން ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 30 ފާހަގަ ކުރާނީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ފެންވަރުގައި އެ ދުވަސް ފާހަގަ ކުރަން ރައީސް ހަމަޖެއްސެވީ މިދިޔަ ޖޫން 15 ގަ އެވެ.
އޮގަސްޓް 30، އަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ އިންޖިނޭރުންގެ ދުވަސް ކަމަށް ކަނޑައެޅީ އެ ދުވަހަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖް ހުޅުވި ދުވަސް ކަމަށްވާތީ އެެވެ. އެ ބްރިޖަކީ މާލެ އާއި ހުޅުމެ އަދި ހުޅުމާލެ ގުޅާލާފައިވާ ބްރިޖެވެ.