މި ސަރުކާރުން އުފެއްދި ސިޔާސީ މަގާމެއް ކަމަށްވާ ޕޮލިޓިކަލް ޑިރެކްޓަރުން މިހާރު ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ވެސް އައްޔަން ކުރަން ފަށައިފި އެވެ.
މިހާތަނަށް އެކި ފެންވަރުގައި ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަންކޮށްފައި ވަނީ އެކި މިނިސްޓްރީތަކަށެވެ.
ނަމަވެސް ސިއްހީ މަރުކަޒުތަކަށް ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަން ކުރަން ފަށައި، މި މަހުގެ 28 ގައި ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަންކުރީ ނޭކުރެންދޫ ކައުންސިލަރު ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި މުހައްމަދު ޒާހިރެވެ.
ޕޮލިޓިކަލް ޑިރެކްޓަރަކަށް މުސާރަ އާއި އިނާޔަތްތައް ހިމެނޭހެން މަހަކު 20500ރ. ލިބެ އެވެ.
ސިއްހީ މަރުކަޒުތަކުގައި މިހާރު ވެސް އިސްކޮށް، ޒިންމާދާރުވެރިޔާހެ ނަމުގައި ސިޔާސީ މަގާމުގައި މީހުން ތިބެ އެވެ. އަދި އެ މަގާމުތަކުގައި ތިބެނީ ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ މީހުންނެވެ.
މި ސަރުކާރު އައީ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުކުރާނެކަމުގެ ވައުދާ އެކީގަ އެވެ.
ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު 2،000 އަށް ވުރެ ގިނަ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެ އެވެ.