އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު މި ދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެ ކަމަށް ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކުރަމުންދާ ހީވާގި އިންޖިނިޔަރުންނަށް ޝުކުރާއެކު، އިންޖީނިއަރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.
އެގޮތުން ޚާއްސަކޮށް، ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއް ނެތި، ދިގުދެމިގެންދާ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނިޔަރުން ކުރަމުންދާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖީނިއަރުންގެ ޓީމަށް ހިތުގެ ފުންމިނުން ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
"އެކި ދާއިރާތަކުގެ އިންޖީނިއަރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު އަޅުގަނޑުމެން މިދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެކަން ކަށަވަރު،" ފަހުމީ ވިދާޅުވި އެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ އެވެ.