Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އެމްޔޫ މަނިކުގެ ހިދުމަތް ތާރީހުގައި ފަވާލެވޭނީ ރަން އަކުރުން

އެމްޔޫ މަނިކު - ފޮޓޯ: މިހާރު

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހިދުމަތް ދިވެހި ތާރީހުގައި ފަވާލެވޭނީ ރަން އަކުރުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޔުނިވާސަލް އެންޓަޕްރައިސަސްގެ ވެރިޔާ އަވަހާރަވީ ސިއްހީ ހާލު ދެރަވެގެން ސިންގަޕޫރްގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ރޭގެ މެންދަމު ވަގުތެއްގަ އެވެ.

އެމްޔޫ މަނިކުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެމްޔޫ މަނިކަކީ މުޅި ދުނިޔެއަށް ރާއްޖެ ހުޅުވައިލި، މި ގައުމަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުން ނަފާ ހޯދޭނެކަން ސާބިތު ކޮށްދެއްވި ވިޝަނަރީ ލީޑަރެއް ކަމަށެވެ. އަދި ފަގީރު ގައުމުތަކުގެ ލިސްޓުން އުނިވެ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެ ވެގެންދިޔައީ އެ މަނިކުފާނާއި މަދު ބޭފުޅުންތަކެއް އިސްވެ ފެއްޓެވި މަސައްކަތުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

"ފާއިތުވި ބައި ގަރުނުގައި ރާއްޖޭގެ އިގުތިސާދަށް އައި ހަލުވި ކުރިއެރުމުގެ އަސްލަކީ އެ މަސައްކަތެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް އިސްލާހީ ހަރަކާތަށް ތާއީދު ކުރައްވައި އެ ހަރަކާތަށް އެކި ގޮތްގޮތުން އެމަނިކުފާނު އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އެމްޔޫ މަނިކުގެ ގައުމީ ހިދުމަތް ދިވެހި ތާރީހުގައި ފަވާލެވޭނީ ރަން އަކުރުންނެވެ." އެމްޑީޕީން ބުންޏެވެ.

އެމްޔޫ މަނިކު، 78، އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ވެސް ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ.

އޭނަގެ މައްޗަށް މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ޢައިބަށް ވަނީ ކަށުނަމާދު ކޮށްފަ އެވެ.