Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އައްޑޫ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

އައްޑޫގެ ހަތަރު ސްކޫލެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ފުލުހުން ހިންގި ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ނިންމާލައިފި އެވެ.

މަރަދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، ފޭދޫ ސްކޫލްގެ އިތުރުން ސ. އަތޮޅު މަދުރަސާގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިމުން ފާހަގަކުރަން ރޭ ފޭދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އާސިމް ޢަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި، ސްކޫލުތަކުގެ އިސްވެރިންނާއި، އައްޑޫ ފުލުހުންނާއި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފުލުހުންގެ އިތުރުން ވެސް އެހެނިހެން ބޭފުޅުން ބައިވެރިވި އެވެ.

މި މަހުގެ 23-28 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި ހަތަރު ސްކޫލު ހިމެނޭ ގޮތަށް ޖުމްލަ 124 ދަރިވަރުން ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފައިވެ އެވެ.

އެ ޕްރޮގްރާމުގައި. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މައުލޫމާތުދީ އަދި ސްކޫލު ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކޮށްފައި ވެއެވެ. މީގެ އިތުރުން، ރިވެތި ބަހުން މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެ ވެ.

ޕްރޮގްރާމުގެ ތެރެއިން، ދަރިވަރުން ބާރުވެރިކުރުމާއި ލީޑަޝިޕް ހުނަރު އިތުރުކުރުމަށް މަގުފަހިވާނޭ ފަދަ ސެޝަންތައް ކުރިއަށް ގެންދިޔަ އެވެ.

ޕްރޮގްރާމް ހިންގީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ޕޮލިސް ގުޅިގެންނެވެ.

ފުލުހުން ސިލްސިލާކޮށް މުޅި ރާއްޖޭގައި ބާއްވަމުން އަންނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.