ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) ގެ އަވަހާރަވުމާ ގުޅިގެން އައްޑޫގައި ވެސް މިއަދު ޢައިބަށް ކަށުނަމާދުކޮށްފި އެވެ.
އަސްރު ނަމާދަށް ފަހު އައްޑޫގެ ހުރިހާ އަވަށެއްގެ ހުރިހާ މިސްކިތްތަކެއްގައި ކަށުނަމާދު ކުރާ ގޮތަށް ކައުންސިލުން އިއުލާންކުރި ނަމަވެސް، ކަށު ނަމާދުކޮށްފައި ވަނީ ބައެއް މިސްކިތްތަކުގަ އެވެ.
އެމްޔޫ މަނިކުގެ މައްޗަށް އަސްރު ނަމާދަށް ފަހު މާލޭގެ އިސްލާމީ މަރުކަޒުގައި ވެސް ކަށުނަމާދުކުރި އެވެ.
ޔުނިވާސަލް އެންޓަޕްރައިސަސްގެ ވެރިޔާ އަވަހާރަވީ ސިއްހީ ހާލު ދެރަވެގެން ސިންގަޕޫރްގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ރޭގެ މެންދަމު ވަގުތެއްގަ އެވެ.
އެމްޔޫ މަނިކު، 78، އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ވެސް ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ.