Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

ތާރާ އާއި ވީރުގެ ގުޅުން "ކަށަވަރު"

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ތާރާ ސުތާރިއާ އާއި ވީރު ޕަހަރިއާ ރައްޓެހިވެގެން އުޅޭކަން މިއަދު "ކަށަވަރުކޮށް ދީފި" އެވެ.

ތާރާ މިއަދު އިންސްޓަގްރާމްގައިގައި ޕޯސްޓްކުރި ފޮޓޯތަކެއްގެ ތެރޭގައި ވީރުއާ އެކު ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް ހިމެނުމާ ގުޅިގެން މީޑިއާތަކުން މިކަން ސިފަކުރީ "ގުޅުން ރަސްމީކޮށް ދިނުމެއް" ގެ ގޮތުގަ އެވެ. ތާރާ އާއި ވީރް ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެފައިވާ އިރު، އެ ދެ މީހުން މި ފަހަކަށް އައިސް ވަރަށް ގިނައިން އެކީގައި ވެސް ފެންނަމުން ދެ އެވެ.

ނަމަވެސް މިހާތަނަށް ގުޅުމާ ބެހޭ ގޮތުން ދެ ތަރިން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ވީރު، 30، އަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "ސްކައި ފޯސް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ. އެ ފިލްމުގައި އޭނައާ އެކު ބަތަލާގެ ރޯލު ކުޅުނީ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި ސާރާ އަލީ ޚާނެވެ. ވީރު އަކީ ބަތަލާ ޖާންވީ ކަޕޫރް ރައްޓެހިވެގެން އުޅޭ ޝިކާރް ޕަހަރިއާގެ ކޮއްކޮ އެވެ.

ދެހާސް ނަވާރައިގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ތާރާ، 29، އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ މާ މަޝްހޫރު ނޫން އެކްޓަރެއް ކަމަށްވާ އަދި "ޖިސްމު 2" ފަދަ ފިލްމުތަކުން ފެނިފައިވާ އަރުނަދޭ ސިންގް، 42، އާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

އޭގެ ކުރިން އެކްޓަރު އާދާރު ޖެއިން ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ތާރާ ބޭއްވި އެވެ.

ނަމަވެސް އެ ދެ މީހުންގެ ކައިވެނީގެ ވާހަކަތަކެއް ވެސް ދެކެވިފައި ވަނިކޮށް 2023 ގައި ރުޅިވުމާ ގުޅިގެން، އާދާރު ވަނީ މި އަހަރުގެ ކުރީކޮޅު އަލޭކާ އަދުވާނީ ކިޔާ މީހަކާ ކައިވެނިކޮށްފަ އެވެ.

އާދާރު އަކީ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރްގެ ކަޒިންއެކެވެ.