އައްޑޫގެ ހަތަރު ސްކޫލަކަށް ހާއްސަކޮށްގެން ހިންގި ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމައިލުމަށް ފަހު، އެ ޕްރޮގްރާމް މި ސިޓީގެ އިތުރު ތިން ސްކޫލަކަށް ހާއްސަކޮށްގެން ފަށައިފި އެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމް މިއަދު ފެށީ ހިތަދޫ ސްކޫލާއި ނޫރާނީ ސްކޫލްގެ އިތުރުން ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނަށެވެ.
އެ ތިން ސްކޫލުން 96 ދަރިވަރުން ޕްރޮގްރާމްގައި ބައިވެރިވެ އެވެ.
ތިން ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނިޓާސް ފެށުމުގެ ރަސްމިއްޔާތުގައި ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖް އިންސްޕެކްޓަ އޮފް ޕޮލިސް އަފްރާޙް ޙުސައިނާއި ފުލުހުންނާއި ސުކޫލްތަކުގެ އިސްވެރިންނާއި ޓީޗަރުން ބައިވެރިވެފައިވެ އެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމުގައި. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މައުލޫމާތު ދީ އަދި ސްކޫލު ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކުރެ އެވެ. މީގެ އިތުރުން، ރިވެތި ބަހުން މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންދެ އެވެ.
ޕްރޮގްރާމުގެ ތެރެއިން، ދަރިވަރުން ބާރުވެރިކުރުމާއި ލީޑަޝިޕް ހުނަރު އިތުރު ކުރުމަށް މަގުފަހިވާނޭ ފަދަ ސެޝަންތައް ވެސް ނަގައިދެ އެވެ.
މި މަހުގެ 23-28 އަށް ފޭދޫ ސްކޫލާއި މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލްގެ އިތުރުން ސ. އަތޮޅު މަދުރަސާގެ ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނީޓާސް ޕްރޮގްރާމް 124 ދަރިވަރުން ފުރިހަމަކޮށްފައިވެ އެވެ.