Last Updated: June 6, 09:42
Saturday, June 6, 2026
ރިޕޯޓް

ނިދިން ހޭލެވުމުން މި ދުޢާތައް ކިޔަމާ!

ނިދީން ހޭލެވިއްޖެ ނަމަ އެންމެ ގިނަ ބައަކު މިހާރު ކުރާ ކަމަކީ އަވަސް އަވަހަށް ފޯނު ނަގައި އައިސްފައި ހުރި މެސެޖުތައް ބަލައިލުމެވެ. ނުވަތަ އެންމެ ފަހުގެ ޚަބަރުތައް ބަލައިލުމެވެ. ނަމަވެސް ރަސޫލް (ޞޢވ) ކުރެއްވެވި ކަމަކީ ﷲ ތަޢާލާއަށް ދުޢާ ދެންނެވުމެވެ.
ދުޢާގައި ރަސޫލާ صلى الله عليه وسلم ވަނީ ﷲ ތަޢާލާ މަތިވެރިކުރައްވަވައި ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވައިފައެވެ. ވީމާ އަޅުގަނޑުމެންވެސް ކުރަން ޖެހޭނެ ކަމަކީ އެއީ އެވެ.

އަވަހާރަފުޅުން ހޭފުޅު ލެއްވެވުމުން ރަސޫލާ صلى الله عليه وسلم ކުރެއްވެވި ދުޢާތައް:

(1) الحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

މާނަ: ” އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ އަޅަމެން މަރުވުމަށްފަހު ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކައްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”

(2) لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، سُبْحَانَ اللهِ وَالْحَمْدُ لِلهِ ، وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْـبَرُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ رَبِّ اغْفِرْ لِي

މާނައީ: ”ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ޝަރީކަކުނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއްވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ހުރިހާ ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސް ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ އެއްވެސްބާރެެއް މަތިވެރި ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ދެން މިދުޢާކުރާށެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”

(3) اَلْحَمْدُ لِلَّـهِ الَّذِيْ عَافَانِيْ فِيْ جَسَدِيْ، وَرَدَّ عَلَيَّ رُوْحِيْ، وَأَذِنَ لِيْ بِذِكْرِهِ

މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ މި އަޅާގެ ހަށިގަނޑަށް ފުރިހަމަ ޢާފިޔަތުދެއްވައި އަދި މި އަޅާގެ ފުރާނަ އަލުން މި އަޅާއަށް ދެއްވައި އަދި އެކަލާނގެއަށް ޒިކުރު ކުރުމުގެ ހުއްދަ މި އަޅާއަށް ދެއްވި ރަސްކަލާނގެއެވެ.” (رواه الترمذي)

މަސްދަރު: އިލްމު.އެމްވީ