Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން އާރްއެސްއެފް އިން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ބޭރުކުރަން ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ގޮވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ވަނީ މި ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ގެ ކުރިން ނިންމުމަށް ފާސްކޮށްފަ އެވެ.

އާރްއެސްއެފްގެ ދެކުނު އޭޝިއާ ޑެސްކުގެ އިސްވެރިޔާ ސެލިއާ މާސިއާ ވިދާޅުވީ މި ބިލަކީ ރާއްޖޭގައި އޮތް މީޑީއާގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށާއި ވެރިކަމުގެ ބާރުގެ ނުފޫޒު އޮންނަ ކޮމިޝަނަކުން މީޑިއާގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ސެންސަޝިޕަށް ދެވޭ ހިތްވަރެއް ކަމަށެވެ. އެގޮތުން މި ބިލުގެ ދަށުން އުފެދޭ ކޮމިޝަނަށް ކޯޓު އަމުރަކާ ނުލައި ވެސް ވެބްސައިޓުތައް ބްލޮކް ކުރުމުގެ ބާރު ލިބިދޭކަން ފާހަގަކުރަމުން މާސިއާ ވަނީ މި ބިލު މަޖިލީހުން ވަގުތުން ބޭރުކުރުމަށް ގޮވާލާފަ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.