Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ކޮކޫން އިން އައްޑޫގެ ޒުވާނުންނަށް ރަނުގެ ފުރުސަތެއް

ދަ ކޮކޫން ކަލެކްޝަންގެ ފަރާތުން ޓޫރިޒަމް ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް އައްޑޫ ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި ޕްރޮގްރާމް އައްޑޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. އެގޮތުން ފުރަތަމަ ސެޝަން ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ދެވަނަ ސެޝަން އެ ދުވަހުގެރޭ 20:00 އިން 22:00 އަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

މި ސެޝަންތަކުގައި ތަފާތު އެކި ދާއިރާތަކުން ކޮކޫން ކަލެކްޝަންގެ ރިސޯޓުތަކުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ފްރޮންޓް އޮފީސް، ކަލިނަރީ، އެފްއެންޑްބީ، ހައުސްކީޕިން، ފިނޭންސް އަދި އިންޖިނިއަރިން ދާއިރާ ހިމެނެ އެވެ.

މި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުން މި ސެޝަންތަކަށް އަންނައިރު ސީވީ އާއި ސެޓްފިކެޓްތައް ހިފައިގެން އައުމަށް ވަނީ އެދިފަ އެވެ. މި ސެޝަންތަކުގައި ކޮކޫން ކަލެކްޝަންގެ އިސް އޮފިޝަލުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ހޮވޭ ޒުވާނުންނަށް ކޮކޫން އިން އެއް މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރިސޯޓުގައި ހުރުމުގެ ފުރުސަތަކާއެކު ކަމާގުޅޭ ތަޖުރިބާކާރުންގެ އެހީގައި ތަމްރީނުތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކޮކޫން ކަލެކްޝަންގެ ފަރާތުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ ކޮކޫން މޯލްޑިވްސް އާއި ޔޫއެންޑްމީ ބައި ކޮކޫންގެ އިތުރުން ޖޯއި އައިލެންޑެވެ.

އައްޑޫގެ އިތުރުން ރ. އަތޮޅާއި، ޅ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީގައި ވެސް މިފަދަ ޕްރޮގްރާމެއް ހިންގުމަށް ކޮކޫން އިން އަންނަނީ ތައްޔާރުވަމުންނެވެ.