Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އިހުސާންގެ އިލްތިމާސް ފުލުހުންނަށް: ކަރާމާތް ވިއްކާ ނުލާތި!

ފުލުހުންގެ އަބުރާއި އިއްޒަތާއި ކަރާމާތް ގަންނަން މީހުން އުޅެފާނެ ކަމަށާއި އެކަމަށް ނޫނެކޭ ބުނަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ފުލުހުން އަދާކުރަމުންދާ ވަޒީފާއަކީ ނިސްބަތުން ބަލާ އިރު 24 ގަޑިއިރުގެ ވަޒީފާއަކަށް އެހާ ބޮޑު އުޖޫރައެއް ނޫން ކަމަށާއި ހާލަތު މިގޮތަށް އޮތުމުން ރާއްޖޭގެ އިޖުތިމާއީ މައްސަލަތައް ނުހަނު ގިނަވާތީ، ފުލުހުންނަކީ ވެސް އެކި އިރުމަތިން، އެކި ފަހަރުމަތިން އެކި މީހުން ފުލުހުންގެ ޔުނީފޯމާއި އަބުރާއި އިއްޒަތާއި ކަރާމާތް ގަންނަން އުޅެފާނެ ކަމަށެވެ.

"މިފަދަ ހާލަތްތަކުގައި އެފަދަ ކަންކަމަށް ނޫނެކޭ ބުނެ، ފުލުހުންގެ އިންޓެގްރިޓީ ހިފަހައްޓައި، ފުލުހުންގެ މުއައްސަސާގެ ކަރާމާތް ހިފަހައްޓައި، އަދި ކޮންމެ ފުލުހަކީ އެމީހެއްގެ ވާޖިބުގައި ފުރިހަމައަށް ހުރި ފުލުހެއްކަން ރަމްޒުކޮށްދިނުމަކީ މިއަދު ތިބޭފުޅުންނަށް އޮންނާނެ ޗެލެންޖެއް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފުލުހުންގެ ތެރޭގައި އެކަން މަދު ކަމަށާއި މަދުން ނަމަވެސް އެކަން އޮތުމުން އެކަމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުލުހުންގެ ސަފުތަކުގެ ތެރޭގައި އެއްވެސް ޖާގައެއް ނުދިނުމަށް އިހުސާން އިލްތިމާސްކުރެއްވި އެވެ.

މީގެއިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަބަދުގެ އަބަދަށް ބެލެހެއްޓުމަކީ ދިވެހި ފުލުހުންގެ އެންމެ މަތީ އަމާޒުކަމުގައި އަބަދުވެސް ވާންޖެހޭނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެ އެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެ އެވެ.