މި އަހަރު އޮލިމްޕަސް ސިނަމާ އަށް ގެންނަ ހަތަރު ވަނަ ފިލްމު "ކަނބުލޮ" މިރޭ ޕްރީމިއާ ކުރަން ތައްޔާރުވާން ފަށައިފި އެވެ.
ފިލްމު ޕްރީމިއާ ކުރާނީ ކުލަގަދަ ރެޑް ކާޕެޓް އިވެންޓަކާ ވެސް އެކީގަ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަނބުލޮ" އަކީ އަކީ 2009 ގެ ގައުމީ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށް މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑް) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މިއީ މިދިޔަ އަހަރު އޭނަ ގެނެސްދިން "ކަމަނާ" އަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.
އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ކިޑްގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ "ކަނބުލޮ" އަކީ އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ ޒުވާން އަންހެން ކުއްޖެއްޖެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.
"ކަނބުލޮ" މިރޭ އޮލިމްޕަހުގައި ޕްރީމިއާކުރާ އިރު، މި ފިލްމު 90 އަށް ވުރެ ރަށުގައި ވެސް ދައްކަން ހަމަޖެހި، ފިލްމު ރަށްރަށުގައި އަޅުވާނެ ތާރީހުތައް ވެސް އިއުލާންކޮށްފައިވެ އެވެ.
އޮލިމްޕަހުގައި އެންމެ ފަހުން ދެއްކި ފިލްމަކީ ރޭ ޝޯތައް ނިންމައިލި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ރޮމޭންޓިކް ތުރިލާ "ލޯބިން" އެވެ. އެ ފިލްމު ޕްރީމިއާކުރީ މި މަހުގެ 6 ވަނަ ދުވަހުގެ ރެ އެވެ.