Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

ބޮލީވުޑަށް ދާކަށް ބޭނުމެއް ނޫން: ޝިފާ

ބޮލީވުޑުން ލިބުނު "އޮފާ" ގެ ބޭނުން ނުހިފާނެ ކަމަށާއި ބޭނުން ވަނީ ރާއްޖޭގެ ފިލްމީ މަސައްކަތްތައް ކުރަން ކަމަށް ޒުވާން ބަތަލާ މަރިޔަމް ޝިފާ ބުނެފި އެވެ.

އޭނަ އަށް ބޮލީވުޑުން "އޮފާއެއް" އައި ވާހަކަ ފޭސްބުކްގައި ހިއްސާކުރީ މި މަހުގެ 25 ގަ އެވެ. އަދި އެ ޕޯސްޓްކުރިތާ ކުޑަ އިރުކޮޅެއް ފަހުން ޝިފާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އޮންލައިން ޕޭޖަކަށް އޭނަ ދިން އިންޓަވިއުއެއްގައި ބުނީ "މި ފަހުން ބޮލީވުޑުން ފުރުސަތެއް ލިބިގެން އެކަމާ ގުޅޭ ވާހަކަތަކެއް ދެކެވިފައިވާ" ކަމަށެވެ. އެކަމަކު އެ ފުރުސަތު ބޭނުން ހިފަން ބޭނުން ނުވާ ކަމަށް ބުންޏެވެ. ޝިފާ ބުނީ "މިތަން [ދިވެހި ފިލްމު އިންޑަސްޓްރީ] ދޫކޮށްފައި އެހާ ދުރަށް [ބޮލީވުޑަށް] ދާން ބޭނުން ނުވާ" ކަމަށާއި "އެފަދަ ވިސްނުމެއް ވެސް ނެތް" ކަމަށެވެ.

އޭނަ ބުނީ ބޭނުން ވަނީ ރާއްޖޭގައި މަސައްކަތް ކުރަން ކަަމަށާއި އޭނަ ދެކެން ބޭނުންވާ ފޭނުންނާއި ލޯބިވާ މީހުން ވެސް އެބަތިބި ކަމަށެވެ. އަދި މިހާރު ވެސް ނަގާފައި ހުރި ޕްރޮޖެކްޓްތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ވެސް ނިންމަން ބޭނުންވާ ކަމަށް ކުރިއަރަމުން އަންނަ ބަތަލާ ބުންޏެވެ.

ޝިފާ ބުނި ގޮތުގައި ދެން އެންމެ އަވަހަށް ބެލުންތެރިންނަށް އޭނަ ފެންނާނީ އަންނަ އޮކްޓޯބަރު މަހުގެ 20 ގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެނެސްދޭން އުޅޭ "އިލްޒާމު" އިންނެވެ. ޝިފާ ފިލްމީ ދާއިރާ އަށް ތައާރަފުވީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅުނު 2018 ގެ "ދެވަންސޫރަ" އިންނެވެ.

ޅ. ނައިފަރަށް އުފަން ބަތަލާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ފޯޓީ ޕްލަސް"، "ހެހެސް" އަދި "ގެއްލުނު ރޭ" ހިމެނެ އެވެ. ޝިފާ އެންމެ ފަހުން ފެނިފައި ވަނީ މީޑިއާނެޓްގެ ވީޑިއޯކުލަބުން މި އަހަރުގެ ކުރީކޮޅު ގެނެސްދިން 10 އެޕިސޯޑްގެ ސީރީޒް "އިމްތިހާނުންނެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކޭޖީއެމް (ކޮސް ގިނަ މިސްޓޭކް) ހިމެނެ އެވެ.

ޝިފާ އަކީ ރާއްޖޭގެ މަޝްހޫރު ޑާންސް ގްރޫޕެއް ކަމަށްވާ 'ހިޔަލަ' ގެ ވެސް މެންބަރެކެވެ.