ދެހާސް ސަތާރައިގެ މަގުބޫލު ފިލްމު "ދަ ޝޭޕް އޮފް ވޯޓާ" އިން އޮސް،ކާ އެވޯޑް ހޯދި ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ގްލިމޯ ޑެލް ޓޯރޯ ބިރުވެރި ފިލްމެއް ގެނެސްދޭން ތައްޔާރުއްޖެ އެވެ.
މިހާރު އިޓަލީގައި ކުރިއަށްދާ 82 ވަނަ ވެނިސް އިންޓަނޭޝަނަލް ފިލްމު ވެސްޓިވަލްގައި އިއްޔެ ޕްރީމިއާކޮށްގެން ކްރިޓިކުންގެ ތައުރީފު ވެސް އޮހުނު ފިލްމުގެ ނަމަކީ "ފްރޭންކެންސްޓީން" އެވެ. ގޮތިކް ސައިންސް ފިކްޝަން ބިރުވެރި ފިލްމެއްގެ ގޮތުގައި ހަދާފައިވާ މި ފިލްމަކީ ލިޔުންތެރިޔާ މޭރީ ޝެލީ ހަމަ އެ ނަމުގައި 1818 ގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އަންނަ އޮކްޓޯބަރު މަހުގެ 17 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ފްރޭންކެންސްޓީން" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އޮސްކާ އިސާކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖެކޮލް އެލޯޑީ، މިއާ ގޮތު، ކްރިސްޓޯފް ވޮލްޒް، ލޯރެން ކޮލިންސް، ޑޭވިޑް ބްރޭޑްލީ، ޗާލްސް ޑާންސް އަދި ފެލިކްސް ކަމާރާ ފަދަ ތަރިން ހިމެނެ އެވެ.
ޖުމްލަ 120 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ފްރޭންކެންސްޓީން" އަކީ ގްލިމޯ 2022 ގައި ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދިން "ޕިނޯކިއޯ" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ.
މެކްސިކޯ އަށް އުފަން 60 އަހަރުގެ ޑައިރެކްޓަރުގެ "ދަ ޝޭޕް އޮފް ވޯޓާ" އަކީ 90 ވަނަ އޮސްކާގައި ހަތަރު އެވޯޑް ހޯދި ފިލްމެކެވެ. އެއީ އެންމެ މޮޅު ފިލްމާއި މޮޅު ޑައިރެކްޓަރާއި މޮޅު އޮރިޖިނަލް ސްކޯގެ އިތުރުން އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިނެމެވެ.
އެންމެ 20 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 195.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ޝޭޕް އޮފް ވޯޓާ" ގައި ކިޔައި ދެނީ ފެނުގައި ދިރިއުޅޭ އާދަޔާހިލާފު މަހުލޫގަކާއި އަންހެނަކާ ދެމެދު ހިނގާ ގުޅުމެއްގެ ވާހަކަ އެވެ.
"ފްރޭންކެންސްޓީން" އޮކްޓޯބަރު ސިނަމާތަކަށް ގެނައުމަށް ފަހު ނޮވެމްބަރު 17 ގައި ނެޓްފްލިކްސް އަށް ދޫކޮށްލާނެ އެވެ.