Last Updated: June 6, 09:42
Saturday, June 6, 2026
ރިޕޯޓް

ކުދިންގެ ސްކްރީން ޓައިމް މަދުކުރަން ޖެހެނީ ކީއްވެ؟

ސްމާޓް ފޯން، އައިޕެޑް ނުވަތަ ޓެބްލެޓް ފަދަ ތަކެތި މިއަދު ވެފައިވަނީ ތުއްތު ކުދިންގެ ވެސް އެންމެ ގާތް އެކުވެރިންނަށެވެ. ދުވާލުގެ ވަރަށް ގިނަ ވަގުތު އެކުދިން ހޭދަ ކުރަނީ މިފަދަ އާލާތްތަކާ އެކުގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކުދިންގެ ސްކްރީން ޓައިމް ކަންބޮޑުވާން ޖެހޭ ވަރަށް މިހާރު މި ވަނީ އިތުރުވެފަ އެވެ.

ސްކްރީންޓައިމް ގިނަވުމަކީ ކުދިންނަށް ރަނގަޅު ގޮތެއް ނޫނެވެ. ވަކިން ހާއްސަކޮށް އެންމެ ތުއްތުއިރު ކުދިންނަށް އެއްގޮތަކަށް ވެސް ސްކްރީން ޓައިމް ނުދިނުން ނުވަތަ ވަރަށް ބޮޑަށް ސްކްރީން ޓައިމް މަދުކުރުމަށް ސަމާލުކަން ދޭން ޖެހެ އެވެ. ކުއްޖާގެ ހެދިބޮޑުވުމުގެ މަރުހަލާގެ ވަރަށް މުހިންމު ކަންކަން ހާސިލްކުރާ އެއް އުމުރުފުރަ އަކީ ކުއްޖާ އުފަންވުމާއި ހަމައިން ފެށިގެން ފަސް އަހަރާ ދެމެދެވެ. ކުއްޖާގެ ސިކުނޑި ތަރައްގީވުމުގެ މަރުހަލާގެ ބޮޑު ބައެއް ހިނގަނީ މި އުމުރުފުރާގެ ތެރޭގަ އެވެ. އެގޮތުން، ވާހަކަ ދެއްކުމާއި، ހިނގުން ފަދަ މުހިންމު ކަންކަން މިއުމުރުފުރާގެ ތެރޭގައި ކުދިން ދަސްކޮށް އެކަންކަން ކުރަން ފަށަ އެވެ.

މިކަންކަމަކީ ހަމަ ހުރެފަ އޮޓޯއިން ދަސްވާކަން ކަމެއް ނޫނެވެ. އެއީ ކުދިން ވަށައިގެން އުޅޭ މީހުންގެ އެހީތެރިކަމާއެކު ނުވަތަ މީހުންނާއި ކުދިންނާ އޮންނަ ގުޅުމެއްގެ ތެރެއިން ކުދިންނަށް ހާސިލްވާކަންކަމެވެ. އެކަމަކު ކުދިންގެ ސްކްރީން ޓައިމް ގިނަވާ ނަމަ ވަށައިގެން އުޅޭ މީހުންނަށް ކުދިން ދޭ ސަމާލުކަން ކުޑަވެ އެހެން މީހުންނާއި މުޢާމަލާތު ކުރުމުގައި ކުދިން ހޭދަކުރާ ވަގުތު މަދުވެ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، އެ އުމުރުގައި ކުދިންނަށް ދަސްވާން ޖެހޭ ވަރަށް މުހިންމު ހުނަރުތައް ދަސްވުމަށް ހުރަސް އެޅެ އެވެ.

މި ފަހަކަށް އައިސް އެންމެ ގިނައިން ބެލެނިވެރިންގެ ފަރާތުން އިވޭ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދިންގެ ވާހަކަ ދެއްކުން ލަސްވުމެވެ. އެހެން ކުދިން ނުވަތަ މީހުންނާ ވާހަކަ ދައްކަން ކުދިން ބޭނުން ނުވުމެވެ. އެހެން ކުދިންނާ އެއްކޮށް އުޅެން ކުދިންނަށް ނޭނގުމެވެ. ހަގީގަތުގައި އެކަން އެހެންވުމުގައި އެކުދިންގެ މައްސަލައެއް ނެތެވެ.

މިހާރު ގިނަ މައިންބަފައިން ވަރަށް ތުއްތު އިރުއްސުރެ ކުދިންނަށް ކާން ދެނީ އެކުދިން ގަޔާވާ ކަހަލަ ކޮންމެ ވެސް އެއްޗެއް ސްކްރީނުން ދައްކައިގެންނެވެ. ކާންދޭން އިންނަ މަންމަ ނުވަތަ ބައްޕައާ މާ ގިނަ ވާހަކައެއް ނުވަތަ ބައެއް ފަހަރު އެއްވެސް ވާހަކައެއް ކުއްޖާއާ ނުދައްކަ އެވެ. ކުދިން އިސާހިތަކު ކައި ނިންމާލަނީ ސްކްރީނަށް ގެއްލި ތިބެ އެވެ. މިގޮތަށް ކަން ދިމާވުމުގެ ނަތީޖާއަކަށް ވަނީ ކުދިންނާއި މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ވާހަކަ ދެކެވޭ މިންވަރު މަދުވުމެވެ.

ކުދިންނަށް ވާހަކަ ދައްކަން ދަސްވާނީ އެ ކުދިންނާ ވީހާވެސް ގިނައިން ވާހަކަ ދައްކައިގެންނެވެ. އެކުދިންނަށް ވާހަކަދައްކާނެ ފުރުސަތު ފަހިކޮށް ދީގެންނެވެ. ނުވަތަ އެކަހަލަ މާހައުލެއް އުފައްދައިގެންނެވެ. ސްކްރީންޓައިމް ގިނަވުމުގެ ސަބަބުން މި މުހިންމު ފުރުސަތު ކުދިންނަށް ގެއްލެއެވެ.

ކުދިންގެ ވާހަކަ ދެއްކުން ލަސްވުން ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގުމަކީ އެކުދިންގެ އިޖުތިމާޢީ އެހެން ހުނަރުތައް ތަރައްގީ ކުރުމަށްވެސް ހުރަސްއެޅޭ ކަމެކެވެ. މިގޮތުން ވާހަކަ ދެއްކުމުގައި ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގުމަކީ އެކުދިންގެ އިޖުތިމާޢީ އެހެން ހުނަރުތައް ތަރައްގީ ކުރުމަށްވެސް ހުރަސް އެޅޭ ކަމެކެވެ. މިގޮތުން ވާހަކަ ދެއްކުމުގައި ގެއިން ބޭރަށް ނުކުންނަން ބޭނުން ނުވުމާއި، އަވަހަށް ރުޅި އައުން ފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިއީ އަދި ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ގެއްލުންތަކުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ.

އެހެންކަމުން، ކުޑަކުދިންގެ ހެދިބޮޑުވުމަށް އެންމެ ރަނގަޅު ގޮތަކީ ސްކްރީން ޓައިމް މަދުކޮށް، އެހެން މީހުންނާ އެކު އެ ކުދިން ކުރާ މުޢާމަލާތްތައް އިތުރުކުރުމެވެ. އެގޮތުން އެކުދިންނާ އެކު ވާހަކަދައްކައި، ކުޅެހަދާ، ފޮތް ކިޔައިދީ، އަދި އެކުދިންނާއެކު ގިނަ ވަގުތު ހޭދަ ކުރުމަކީ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ވެސް ވަރަށް މުހިންމު ކަމެކެވެ.

ކުދިންގެ ހެދިބޮޑުވުމުގެ މުހިންމު މަރުޙަލާތަކުގައި، އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެ ކުދިންނާ އެކު ގިނަ ވަގުތު ހޭދަކުރުމަކީ މައިންބަފައިންގެ އެންމެ އިސް އެއް ޒިންމާ އެވެ. މިކަމަށް އަހައްމިއްޔަތުކަން ދިނުމަކީ ދުޅަހެޔޮ، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މައުލޫމާތު: ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ