ފަހު ވަގުތު ގޯލު ޖަހައި، ބްރައިޓަން އިން 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މިއީ ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ސިޓީ ވަނީ މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި 2-0 އިން ޓޮޓެންހަމް އަތުން ބަލިވެފަ އެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބްރައިޓަން އިން ހޯދި ފުރަތަމަ މޮޅެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 34 ވަނަ މިނެޓްގައި އާލިން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މި މެޗަކީ ޕްރިމިއާ ލީގުގައި ހާލަންޑް ކުޅުނު 100 ވަނަ މެޗު ކަމަށްވާއިރު، މިއީ އޭނާ އެޓީމަށް ކާމިޔާބުކޮށްދިން 88 ވަނަ ގޯލެވެ.
ދެވަނަ ހާފުގައި ބްރައިޓަން އިން ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅު ކުރިއިރު، އެޓީމުން ނަތީޖާ އެއްވަރުކުރީ މެޗުގެ 67 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ސިޓީގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު މަތެއުސް ނުނޭސްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބްރައިޓަނަށް ނަތީޖާ އެއްވަރުކޮށްދިނީ ޖޭމްސް މިލްނާ އެވެ.
އަދި މި މެޗުން މޮޅުވި ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ބްރައިޓަން އަށް ކާމިޔާބުކޮށްދިނީ ބްރަޔަން ގްރޫޑާ އެވެ. މިއީ ބްރައިޓަން އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ސިޓީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގްރޫޑާ ކާމިޔާބުކުރި ގޯލެކެވެ.
ޕްރިމިއާ ލީގުގައި މިރޭ ވެސްޓަހްމަ ޔުނައިޓެޑުން ވަނީ 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ.