Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

މޫނު ބުރުގާ އަޅައިގެން ޖުޑިޝަރީގައި މަސައްކަތްކުރެވޭނެ

މޫނު ބުރުގާ އަޅައިގެން ޝަރުއީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތް ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

ޑީޖޭއޭ އިން އާންމުކުރި ސާކިއުލާއެއްގައި ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ހެދުން އެޅުމާ ގުޅޭ ގޮތުން އޮތް މާއްދާ އިސްލާހުކޮށް އަލުން އެކުލަވާލާފައިވާ ކަމަށެވެ.

އެ މާއްދާގައި މީގެ ކުރިން އޮންނަނީ، ޝައުރީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީން ވާން ޖެހޭ ޚިދުމަތަކަށް ވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ބަޔަކަށް މުއާމަލާތް ކުރާ މީހަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ ކަމަށެވެ. އެހެންކަމުން މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ކަމަށް އެ މާއްދާގައިވެ އެވެ.

އެ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މޫނު ބުރުގާ އެޅުމަށް މުވައްޒަފުންނަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން، އެ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާ ބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.