Last Updated: July 8, 21:12
Wednesday, July 8, 2026
ކުޅިވަރު

އާސެނަލް ބަލިކޮށް ލިވަޕޫލްގެ ވަރުގަދަ ފެށުން ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް 1-0 އިން ބަލިކޮށް ލިވަޕޫލުން ލީގުގައި ކުޅުނު ތިންވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލުން 4-2 އިން ބޯންމަތް ބަލިކުރިއިރު، ދެވަނަ މެޗުގައި މިދިޔަ ހަފްތާގައި ލިވަޕޫލުން ވަނީ 3-2 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިއީ މިފަހަރު ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން އާސެނަލް ވަނީ މޮޅުވެފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިވަޕޫލަށް މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއި އެވެ. މިއީ އާސެނަލްގެ އޭރިއާގެ ބޭރުން ފޮނުވާލި ހިލޭޖެހުމަކުން ސޮބޮސްލާއި ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން މާގިނަ އެޓޭކުތަކެއް ފެނިގެން ގޮސްފައި ނުވާއިރު، އާސެނަލްއާ ދާދިފަހުން އަލަށް ގުޅުނު އެބްރެޗީ އެޒޭ ވަނީ ދެވަނަ ހާފުގައި ކުޅެން އަރައި ފުދޭވަރަކަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ލިވަޕޫލުން ބައްދަލުކުރާނީ ބާންލީއާ އެވެ. އާސެނަލް އަމިއްލަ ދަނޑުގައި ނިކުންނާނީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށެވެ.