Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ފަލާހުގެ މައްސަލަ ބަލަން ޕީޖީގެ ލަފައެއް ހޯދާކަށް ނުޖެހޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ މައްސަލަ ބެލުމަށް ޕީޖީގެ ލަފައެއް ހޯދަން ފުލުހުން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވިދާޅުވުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅާފަ އެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފަ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ "އުލުބައިންދަނީ" ކިހިނެއްތޯ ބަލަން ބަސްފޮތް ހޯދަން ގައުމިއްޔަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ކައިރިއަށް ދާން ނުޖެހޭ ކަމަށާއި އަދި މި މައްސަލަ ބަލަން ޕީޖީގެ ލަފައެއް ހޯދަން ވެސް ނުޖެހޭ ކަމަށެވެ. އަދި ޕީޖީގެ ލަފައެއް މިކަމުގައި ހޯދަން އުޅެނީ މައްސަލަ ބެލުމުގެ މަގު ދިގުކުރުމުގެ ބޭނުމުގައި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"މިއީ ހަމަ ބަލަންޖެހޭ ކަމެއް، ބެލޭނެ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއަކީ ހުރިހާ ކަމެއް ކުރަން ޕީޖީގެ ލަފާ ހޯދަންޖެހޭ ބައެއް ނޫން ކަމަށާއި ފުލުހުންގެ އިދާރާއަކީ މިނިވަން ތަނެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ތަހުގީގެއް ހިނގާއިރު ކޮންމެ ކަމެއްގައި ފުލުހުން ޕީޖީގެ ލަފާ ހޯދަން ނުޖެހޭ ކަމަށާއި އެ އުޅެނީ ގާނޫނު މުޅިން އޮޅުވާލައިގެން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.