އިނގިރޭސި ލީގުގެ ރެކޯޑް އަގެއްގައި ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އައި ސްވިޑެންގެ ފޯވާޑް، އެލެކްސެންޑާ އިސާކް ގެންނަން ލިވަޕޫލުން އެއްބަސްވެއްޖެ އެވެ.
މީޑީއާ ރިޕޯޓުތައް ބުނާގޮތުން އިސާކް ލިވަޕޫލަށް ބަދަލުވުމަށް ނިންމާފައިވަނީ 125 މިލިއަން ޕައުންޑުގެ އަގަކަށް 6 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ އެއް ކުޅުންތެރިއަކަށް އިނގިރޭސި ކްލަބަކުން ކުރާ އެންމެ ބޮޑު ހޭދަ އެވެ.
މި ޓްރާންސްފާއާ ގުޅޭގޮތުން ނިއުކާސަލް އާއި ލިވަޕޫލުން މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މިއީ ލިވަޕޫން މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އިނގިރޭސި ލީގުގެ ޓްރާންސްފާ ރެކޯޑު މުގުރާލި ދެވަނަ ފަހަރެވެ. ލިވަޕޫލުން ރެކޯޑު އަގެއްގައި މި ޓްރާންސްފާ މާކެޓުގައި ފުރަތަމަ ގެނައީ ބަޔާ ލެވަކޫސަން އަށް ކުޅެމުން އައި ޖަރުމަނުގެ މިޑްފީލްޑަރު، ފްލޮރިއަން ވާޓްޒް އެވެ، ވާޓްޒް ލިވަޕޫލަށް ބަދަލުވީ 116 މިލިއަން ޕައުންޑަށެވެ.
އިސާކް ގެންނަން ލިވަޕޫލުން މިދިޔަ ޖުލައި މަހުން ފެށިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިސާކް ވިއްކާލަން ނިއުކާސަލް އިން މިހާތަނަށް ދެކޮޅު ހަދަމުންދިޔައިރު، އެކަމާ ހިތްހަމަނުޖެހި އެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ވެސް އިސާކް ދެކޮޅު ހެދި އެވެ.
އިސާކް ،25، ނިއުކާސަލްއާ ގުޅުނީ 2022 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުން 63 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ވަނީ ނިއުކާސަލަށް ކުޅެދިން 109 މެޗުގައި 62 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މީގެއިތުރުން މިދިޔަ ސީޒަނުގައި ލިވަޕޫލް ބަލިކޮށް އިނގިރޭސި ލީގު ކަޕް ނިއުކާސަލަށް ހޯދައިދިނުމުގައި ވެސް އިސާކް މުހިއްމު ރޯލެއް އަދާކުރި އެވެ. އެއީ 70 އަަހަރު ތެރޭ ނިއުކާސަލަށް ލިބުނު ފުރަތަމަ ޑޮމެސްޓިކް ތަށްޓެވެ.