Last Updated: July 8, 21:12
Wednesday, July 8, 2026
ކުޅިވަރު

ވަޔެކާނޯ އިން ބާސާ ހިފަހައްޓައިފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެެވެ.

ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލަމީން ޔަމާލް ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ. މިއީ ވަޔެކާނޯގެ އޭރިއާ ތެރެއިން ޔަމާލް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގައި ވަޔެކާނޯ އިން ދިޔައީ ބާސާގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ފްރަން ޕެރޭޒް ވަނީ ވަޔެކާނޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލު ޕެރޭޒް ކާމިޔާބުކުރީ ބާސާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށް ފަހު ވަޔެކާނޯ އިން ދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ވަޔެކާނޯ އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި ބާސާގެ ކީޕަރު ޖޮއާން ގާސިއާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

މިއީ ލީގުގައި ބާސާއިން ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، އެންމެފަހުން ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފަ އެވެ.