މި އަހަރުގެ މިހާތަނަށް ޖަރުމަނުން ރާއްޖެ އަަށް އައި ޓޫރިސްޓުންގެ އަދަދު ވެސް ލައްކައަކަށް ވުރެ މައްޗަށް އަރައިފި އެވެ.
އަބަދު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ޖަރުމަނުން މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދަކީ 102،171 ކަމަށް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިއާ އެކު ޖަރުމަންވެފައި މި ވަނީ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައި ފަސް ވަނަ ގައުމަށެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޖުމްލަ 1،482،668 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 234440 އަށް އަރަ އެވެ. ޗައިނާ ފިޔަވައި އެހެން ގައުމަކުން އަދި މި އަހަރުގެ މިހާތަނަށް 200.000 ޓޫރިސްޓުން އައިސްފައެއް ނުވެ އެވެ.
ދެން އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކަށް ބަލާ އިރު، ދެވަނައިގައި އޮތް ރަޝިއާ އިން 176،972 ޓޫރިސްޓުން އަދި ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 133،733 ޓޫރިސްޓުން އައިސްފައިވެ އެވެ. ހަތަރު ވަނައިގައި އޮތް އިޓަލީން 105،990 ޓޫރިސްޓުން އައިސްފައިވެ އެވެ.
ގަދަ 10 ގެ ލިސްޓްގައި ދެން ހިމެނެނީ އިންޑިއާ (84،845 ޓޫރިސްޓުން)، އެމެރިކާ (43،457 ޓޫރިސްޓުން)، ފްރާންސް (40،901 ޓޫރިސްޓުން)، ސްޕެއިން (33،932 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ (27،019 ޓޫރިސްޓުން) އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 9.4 ޕަސެންޓް އިތުރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 1،355،395 ޓޫރިސްޓުންނެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އައީ 2.2 މިލިއަން ޓޫރިސްޓުންނެވެ.