Last Updated: June 9, 06:10
Tuesday, June 9, 2026
ދުނިޔެ

އަފްގާނިސްތާނަށް ބިންހެލުމެއް، މަރުވި އަދަދު 20 އަށް

އަފްގާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މީޑިއާތަކުން ބުނީ މެންމަދު ރިކްޓާ މިންގަނޑުން 6.0 ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް 20 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ޒަހަމްވެގެން 100 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.

މި ބިންހެލުން އައިސްފައި ވަނީ އަފްގާނިސްތާންގެ ޖަލާލުއަބާދު ސަރަހައްދަށެވެ. އަދި ބިންހެލުމުގެ އަސަރު ޕާކިސްްތާންގެ ވެރިރަށް، އިސްލާމް އާބާދަށް ވެސް ކުރި ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

މީޑިއާތަކުން ބުނީ ޖަލާލުއާބާދު ސަރަހައްދަށް އައި ބިންހެލުމުގައި އެ ސަރަހައްދާ ކައިރި ގިނަ ސަރަހައްދުތަކަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް ގެއްލުންވީ ކުނާރު ޕްރޮވިންސަށް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އަފްގާނިސްތާނަށް 2023 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި އައި ބިންހެލުމެއްގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވެ އެވެ. އެ ފަހަރު ރިކްޓާ މިންގަނޑުން 6.3 ބާރުމިނުގައި އައި ބިންހެލުމުގައި 4،000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ތާލިބާނު ސަރުކާރުން ބުނެފައިވެ އެވެ.

މިއަދު އައި ބިންހެލުމާ ގުޅިގެން ތާލިބާނު ސަރުކާރުން މިހާރު ވަނީ ބައިނަލްއަގްވާމީ އެހީ އަށް ވެސް އެދިފަ އެވެ.

އަފްގާނިސްތާންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޝަރަފަތު ޒަމާން ވިދާޅުވީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކަށް އެއްގަމު މަގުން ވާސިލުވުމަށް ވެސް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ އެ ތަންތަނުން މީހުން ސަލާމަތް ކުރަން ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.