Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

މަންމަގެ 'ޗާލްބާޒް' ގެ ރިމޭކް ޖާންވީ އަށް

ކުރީގެ ބަތަލާ ސްރީދޭވީގެ ކެރިއަރުގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ އަދި އޭނަ ޑަބަލް ރޯލެއް ވެސް ކުޅުނު "ޗާލްބާޒް" ގެ ރިމޭކެއް، އޭނަގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރް ހިމަނައިގެން ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ފިލްމު ހަދަން ނިންމާފައިވާ ޕްރޮޑިއުސަރު، ޒުވާން ބަތަލާ އަށް ފިލްމު ހުށަހަޅައި އެކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ އޮފާއާ މެދު ޖާންވީ މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

އެކަމަކު "ޗާލްބާޒް" ގެ ރިމޭކެއް ހަދަން އުޅެނީ ކޮން ޕްރޮޑިއުސަރެއްކަމާއި ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަމެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.

ސްރީދޭވީ އަށް ފިލްމުފެއާ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނު "ޗާލްބާޒް" އަކީ 1989 ގައި ރިލީޒްކުރި ފިލްމެކެވެ. ޕޫރްނާ ޗަންދުރަ ރާއޯ ޕްރޮޑިއުސްކުރި ފިލްމުގެ ޑައިރެކްޓަރަކީ ޕަންކަޖް ޕަރްޝާރެވެ.

މީގެ ރިމޭކް ޖާންވީ އަށް ހުށަހެޅި އިރު، ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ޕަރްޝާރު ޑައިރެކްޓްކުރާ ގޮތަށް ޝްރަދާ ކަޕޫރް ހިމަނައިގެން "ޗާލްބާޒް" ރިބޫޓް ވާޝަނެއް "ޗާލްބާޒް އިން ލަންޑަން" ގެ ނަމުގައި ހަދަން 2021 ގައި އިއުލާންކޮށްފައިވެ އެވެ. އެކަމަކު އޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

ދެހާސް އަށާރައިގެ "ދަޅަކް" އިން ބޮލީވުޑަށް ނުކުތް ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ޕަރަމް ސުންދަރީ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހު ގެނެސްދޭ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އިންނެވެ.

މަންމަ ކުޅުނު ރޯލެއް ޖާންވީ އަށް ހުށަހެޅި އިރު، 2018 ގައި މަރުވެފައިވާ ސްރީދޭވީގެ އެންމެ ފަހުގެ ފިލްކު ކަމަށްވާ 2017 ގެ ކްރައިމް ތުރިލާ "މޮމް" ގެ ސީކްއެލް އޭނަގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ހިމަނައިގެން ހަދަން އުޅޭކަމުގެ ވާހަކަތަކެއް ވެސް މި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.