ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން އުޅޭ ފިލްމު "އަލިފާން" ގެ ރަސްމީ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 6 ގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ މި އެކްޝަން ތުރިލާ އަކީ މީގެ ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް ގެނެސްދޭ "އަލިފާން" އަކީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އިގެ ކާމިޔާބީއާ ގުޅިގެން ގެނެސްދޭ ހަމަ އެ ސްޓައިލްގެ ފިލްމެކެވެ.
އަނިޔާވެރި ގިނަ މަންޒަރުތަކެއް ހިމެނޭނެ މި ފިލްމު ހާއްސަކޮށްފައި ވަނީ 18 އަހަރުން މައްޗަށެވެ. "އަލިފާން" ގެ ޕޯސްޓަރު މިއަދު ދައްކައިލި އިރު، މީގެ ޓީޒާއެއް މި އަހަރުގެ އެޕްރީލްގެ ތެރޭގައި އާންމުކޮށްފައިވެ އެވެ.
"އަލިފާން" އިން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ހާޒިފް، މުހައްމަދު ފައިސަލް އަދި ޖޭމް އައްލޯ ހިމެނެ އެވެ.
ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެޅުވި ހޮރޯ-ކޮމެޑީ "ބިބީ" އެވެ. "އަލިފާން" ވާނީ މި އަހަރު އޮލިމްޕަހަށް އަންނަ ފަސް ވަނަ ފިލްމަށެވެ.
މިހާރު އެ ސިނަމާގައި އޮތީ ރޭ ޕްރީމިއާކުރި ޑައިރެކްޓަރު ހުސައިން މުނައްވަރުގެ "ކަނބުލޮ" އެވެ.