އަފްގާނިސްތާނަށް މިއަދު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 600 އިން މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ މެންދަމު، ރިކްޓާ މިންގަނޑުން 6.0 ބާރުމިނުގައި އައި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކު މަރުވެފައިވާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. މަރުވި މީހުންގެ އަދަދު މިހާރު 622 އަށް އިރު، ޒަހަމްވެގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 1،500 އާ ގާތްކުރެ އެވެ.
މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އަފްގާނިސްތާންގެ ސިޓީއެެއް ކަމަށްވާ ޖަލާލުއާބާދު ކައިރީގައިވާ ކުނާރު ޕްރޮވިންސަށާއި އެތަނާ ކައިރީގައިވާ ސަރަހައްދުތަކަށެވެ.
މި ބިންލެހުމުގެ އަސަރު އަފްގާނިސްތާނާ އަވައްޓެރި ބައެއް ގައުމުތަކަށް ވެސް ކޮށްފައިވެ އެވެ.

އެންމެ ފަހުން އެ ގައުމަށް މިހާ ގެއްލުން ބޮޑު ބިންހެލުމެއް ކުރިމަތިވީ 2023 ގެ އޮކްޓޯބަރުގަ އެވެ. އެ ފަހަރު ރިކްޓާމިންގަނޑުން 6.3 ބާރުމިނުގައި އައި ބިންހެލުމުގައި 4،000 އެއްހާ މީހުން މަރުވި ކަމަށް ތާލިބާން ސަރުކާރުން ބުނެފައިވެ އެވެ.
މިއަދު އައި ބިންހެލުމާ ގުޅިގެން ތާލިބާނުން ވަނީ ބައިނަލްއަގުވާމީ އެހީ އަށް ވެސް އެދިފަ އެވެ.