ތައިލޭންޑްގައި ބޭއްވި '57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025' ގައި ވާދަކޮށް ބްރޯންޒް މެޑެލް ހާސިލުކުރި ރާއްޖޭހެ ގައުމީ ބޯޑީބިލްޑިން ޓީމު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އެ ޓީމަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނަވީ އިސްކޮށް ސްޕޯޓްސް ކޮމިޝަނަރު އޮފް މުޙައްމަދު ތޮލާލާއި ސްޕޯޓްސް މިނިސްޓްރީގެ ބައެއް އިސްވެރިން ވަޑައިގެންނެވެ.
މުބާރާތުގައި ވާދަކޮށް ރާއްޖެއަށް ބްރޯންޒް މެޑެލް ހޯދައި ދިނީ ގައުމީ ބޯޑީބިލްޑިން ޓީމާ ދާދި ފަހުން ގުޅުނު މަނާފް ވަހީދެވެ.
މި މަހުގެ 18-25 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވި މިމުބާރާތުން މަނާފަށް ލޯ މެޑެލް ލިބުނީ ފިރިހެނުންގެ އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރު ބައިގައި ވާދަކޮށްގެންނެވެ.
ތައިލެންޑުގެ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި ރާއްޖެއިން ހަތަރު އެތުލީޓުން ވާދަކުރި އެވެ. އެއީ މަނާފްގެ އިތުރުން އަލީ މަބްރޫކް ލަތީފާއި، އިސްމާޢީލް ޝުޢާއު ޢަބްދުﷲ އަދި އަޙްމަދު ނަޢީމެވެ.
މި އަހަރުގެ 'ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް" މަނާފް ލޯ މެޑެލް ހާސިލުކޮށްފައި ވަނީ 18 އެތުލީޓުންނާ ވާދަކޮށެވެ.