ބޮލީވުޑްގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު މީގެ ހަތަރު އަހަރު ކުރިން ތިން ބަތަލާއަކު ހިމަނައިގެން ހަދަން އިއުލާންކުރި ރޯޑް- ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" ނަހަދަން ނުނިންމާ ކަމަށާއި އެކަމަކު އޭގެ މަސައްކަތް ފެށޭނެ އިރެއް ބުނަން ވަރަށް ދަތި ކަމަށް އޭނަ ބުނެފި އެވެ.
ޔޫޓިއުބް ޗެނަލެއް ކަމަށްވާ "އަވާ ސްޓުޕިޑް ރިއެކްޝަންސް" އަށް ދިން އިންޓަވިއުއެއްގައި ފަރުހާން ބުނީ އެ ފިލްމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށް، ޝޫޓިން ފެށޭ ގޮތް ނުވީ ފިލްމަށް ނެގި ކާސްޓަށް ވަގުތު ދޭން ކުރިމަތިވި ދަތިތަކާ ހެދި ކަމަށެވެ.
"ޖީ ލޭ ޒަރާ" އަށް ނެގި ތިން ބަތަލާއިންނަކީ އާލިއާ ބަޓާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން ކެޓްރީނާ ކައިފެވެ.
ނަމަވެސް އެ ތިން ތަރިންނާ އެކު ފިލްމުގެ ޝޫޓިން ފަށަން ދިމާވި އެންމެ ބޮޑު ހުރަހަކަށްވީ ފަރުހާން ބޭނުންވި ގޮތަށް ތިން ތަރިންނަށްއެއްފަހަރާ ވަގުތު ދޭން ދަތިވުމެވެ.
އެހެންވެ ފިލްމު ނަހަދަން މިހާރު ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ފަރުހާން ބުނީ އެއްގޮތަކަށް ވެސް ފިލްމު ނަހަދަން ނުނިންމާ ކަމަށެވެ.
"ޔަގީނުން ވެސް އެ ފިލްމު ހަދާނަން. އެކަމަކު ނޭނގެނީ ދެން ކޮން އިރަކުން ކަމެއް އޭގެ މަސައްކަތް ފެށޭނީ ވަރު ވާނީ. އަހަރެން ވަރަށް ވެސް ހަދަން ބޭނުންވާ ކަހަލަ ފިލްމެއް އެއީ،" 2003 ގެ ރޯޑް-ޓްރިޕް ފިލްމު 'ދިލް ޗާތާ ހޭ' އިން ޑައިރެކްޝަނަށް ނުކުތް ފަރުހާން ބުންޏެވެ. "ވަރަށް ވެސް މަސައްކަތް ކުރެވިފައި އޮތް ވަރަށް ވެސް ގަޔާވާ ސްކްރިޕްޓެއް ޖީލޭ ޒަރާ އަކީ."
އޭނަ ބުނީ އޭގެ މަސައްކަތް ދެން ފަށާ އިރު، ކާސްޓަށް ވާނެ ގޮތެއް ބުނަން ވަރަށް ދަތި ކަމަށެވެ. އެހެންވެ މިއީ "ޖީ ލޭ ޒަރާ" ގެ ކާސްޓަށް ބަދަލުތަކެއް އަތުވާނެ ކަމަށް ފަރުހާން ދިން އިޝާރާތެކެވެ.
މީގެ މަސައްކަތް ފަރުހާން ބޭނުންވި ގޮތަށް ފެށޭ ގޮތް ނުވުމުން އޭނަ ވަނީ 2023 ގައި "ޑޮން 3" އިއުލާންކޮށްފަ އެވެ. އޭގެ ޝޫޓިން ވެސް ނުފެށި ލަސްވަމުން ގޮސް މިހާރު ޕްލޭންކޮށް އޮތީ އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓީން ފަށާށެވެ. "ޑޮން 3" އަށް ނެގީ ރަންވީރު ސިންގް އާއި ކިއާރާ އަދުވާނީ އެވެ.
އެކަމަކު ކިއާރާ ފިލްމުން ވަކިވިކަމުގެ އަަޑުތަކެއް އަރާފައިވެ އެވެ.