ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާއި ބައްދަލުކުރައްވައިފި އެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ބޭއްވެވި މިބައްދަލުވުން އޮތީ ޓިއާންޖިން މެއިޖިއާން ކޮންވެންޝަން ސެންޓަރުގަ އެވެ.
މިބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި، ތަޢުލީމީ ދާއިރާއާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވެސް ދެބޭފުޅުންގެ މަޝްވަރާގައި އަލިއަޅުއްވާލައްވާފައިވެ އެވެ.
މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުމުގެ ތެރެއިން ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ނޭޕާލުން ރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވި އެވެ.