ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު ބޭރުކުރަން އެ ބިލަށް ހިޔާލު ހޯދުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވި ނޫސްވެރިން ގޮވާލައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ވަނީ މި ބިލުގެ މަސައްކަތް މި މަހުގެ 15 ގެ ކުރިން ނިންމުމަށް ފާސްކޮށްފަ އެވެ.
މިއަދު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ވަނީ ބިލާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް މީޑިއާތައް ހާޒިރުކޮށްފަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ނޫސްވެރިއަކު މި ބިލަށް ތާއީދުކޮށް ވާހަކަދައްކާފައި ނުވާއިރު، ހުރިހާ ނޫސްވެރިން ވެސް ވަނީ މި ބިލުގައި ކަންބޮޑުވުންތައް ކޮމިޓީގެ މެމްބަރުންނާއި ހިއްސާކޮށްފަ އެވެ.
އެގޮތުން މި ބިލު އޮތީ އިސްލާހު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް ކަމަށާއި ބިލު ބޭރުކޮށްލުމަށް ނޫސްވެރިން ވަނީ ގޮވާލާފަ އެވެ. އަދި ބިލު ހަދާފައިވަނީ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށްވާއިރު މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި އަދި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށްގެންދަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް ނޫސްވެރިން ބުންޏެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.
އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.