ޔޫސުފް ޝަފީއު (ޔޫއްޕެ) އަންނަ އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "އިލްޒާމް" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ އޭނަ ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފެމިލީ ޑްރާމާއެކެވެ. "އިލްޒާމް" ހަދާފައި ވަނީ ޔޫއްޕެ ޕްރޮޑަކްޝަނާއި މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަން ގުޅިގެންނެވެ.
މި ފިލްމުގެ ކާސްޓްގައި އަހުމަދު ނިމާލާއި އޭނަގެ ދަރިފުޅު ޖުމައްޔިލް ނިމާލާއި މުހައްމަދު ރަޝީދު (ދަރާ) އާއި އާމިރާ އިސްމާއީލާއި މަރިޔަމް ޝިފާ އައި އަހުމަދު ސައީދާއި އިބްރާހިމް ޖިހާދު (ޖިމީ) އާއި މުހައްމަދު ފައިސަލާއި މަރިޔަމް ޝަކީލާ އަދި ޝަހީދާ އިސްމާއިލް ފަދަ ތަރިން ހިމެނެ އެވެ.
"އިލްޒާމު" އޮލިމްޕަހަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ.
މި ފިލްމު ވާނީ މި އަހަރު ބެލުންތެރިންނާ ހަމައަށް އަންނަ ޔޫއްޕެގެ ތިން ވަނަ ފިލްމަށެވެ. މި އަހަރު ރިލީޒްވި އޭނަގެ ފުރަތަމަ ފިލްމަކީ އެޕްރީލްގައި ޑައިރެކްޓަރު މޫމިން ފުއާދު ގެނެސްދިން "އަބަދަށް" އެވެ. ދެވަނަ ފިލްމަކީ ޖޫންގައި ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ގެނެސްދިން "ސޮރީ" އެވެ.
"އެ ދަތުރު" އާއި "ލޯތްބަށްޓަކައި" އަދި "ދެވަންސޫރަ" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކުރި ޔޫއްޕެ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ މިދިޔަަ އަހަރުގެ ބިރުވެރި ފިލްމު "ސާޔާ" އެވެ.