Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަން ރައީސް ގޮވާލައްވައިފި

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައު އިން އެކުގައި މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރައްވާފަ އެވެ. އަދި ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

ޗައިނާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ރާއްޖެއަކީ ވިލުންތެރި، ޢަޒުމުވަރުގަދަ ޤައުމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އަދި ގްލޯބަލް ގަވަނަންސް އިނީޝިއެޓިވަށް ރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް ރައީސް ގޮވާލެއްވި އެވެ.

އެސްސީއޯ ޕްލަސް ބައްދަލުވުމަކީ، އެސްސީއޯގެ މެންބަރު ޤައުމުތަކާއި، ޕާޓްނާ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، އިޤްތިޞާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މައުޟޫޢުތަކުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ހުޅުވާލާފައިވާ އިތުރު މަންސައެކެވެ.